ޚަބަރު

ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތް ނިންމައި އަންނަމަހު 8 ގައި ސަރުކާރާއި ހަވާލުކުރާނަން - އާދަމް އާޒިމް


ހއ.ހޯރަފުށީ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް މުޅިންނިންމައި އަންނަ މަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރާ ޙަވާލުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއަރޕޯޓް މަޝްރޫޢުގެ އެންމެފަހުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމްއާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންވަނީ ހޯރަފުއްޓަށް ޒިޔާރަތްކުރައްވާފައެވެ. އެއަރޕޯޓްގެ މަސައްކަތްތަކުގެ ތަފްސީލް ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޢާދަމް އާޒިމް ވިދާޅުވީ ރަންވޭއާއި ފްލައިޓް ޕާކިން އޭރިއާ(އޭޕްރަން)ގެ ހުރިހާ މަސައްކަތްތަކެއްހެން މިހާރު ނިމިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ ޓަރމިނަލާއި ފަޔަރ ބިލްޑިންގެ މަސައްކަތްތައްކަމަށް އޭނާ ވިދާޅުވިއެވެ.

"8 ނޮވެމްބަރުގެ ކުރިއަށް އުމްރާނީ ހުރިހާ މަސައްކަތެއްނިންމައި ސަރުކާރާ ހަވާލުކުރަން މި މަސައްކަތްކުރަނީ. އޭރުން 11 ނޮވެމްބަރުގައި ސަރުކާރުގެ ލަނޑުދަނޑިއާއި އެއްގޮތަށް ޚިދުމަތް ފެށޭނެ. މިއީ އެއްވެސް ހުއްޓުމެއް ނައިސް އެމްޓީސީސީއަށް މަސައްކަތްތައް ކުރިއަށް ގެންދެވޭ ފުރަތަމަ އެއަރޕޯޓް." އާދަމް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން ހޯރަފުށި އެއަރޕޯޓްގެ މަސައްކަތް ކުރިއަށްގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 35 ހެކްޓަރުގެ ބިން ހިއްކުމާއި، ގޮންޑުދޮށް ޙިމާޔަތްކުރުމާއި ރަންވޭއާއި ތާރުއެޅުމުގެ މަސައްކަތް ހިމެނެއެވެ. އަދި ދެވަނަ ފިޔަވަހީގައި ފަޔަރ ބިލްޑިންގްއާއި ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ހޯރަފުށީ އެއަރޕޯޓަކީ އެރަށުގެ ފަޅުން ބިން ހިއްކައިގެން ރަށާ ގުޅާލާގޮތަށް ހަދާ އެއަރޕޯޓެކެވެ. ހޮރަފުށީ އެއަރޕޯޓްގެ ރަންވޭއަކީ 1200މީޓަރުގެ ރަންވޭއެކެވެ.

މިއެއަރޕޯޓަކީ ރާއްޖޭގެ އެންމެ އުތުރުގައި ހަދަމުން އަންނަ އެއަރޕޯޓްއެވެ. މިއެއަރޕޯޓްގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ އަހަރުއެވެ. މިހާރު ކުރަމުންދަނީ އެއަރޕޯޓްގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. ހޯރަފުށީ އެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީންނެވެ.