ޚަބަރު

ކޮމިޝަނާ އޮފް ޕްރިޒަންސް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި


ސްރީލަންކާއަށާއި މެލޭޝިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް މިއަދު ފުރާވަޑައިގެންފިއެވެ. މޯލްޑިވްސް ކަރެކްޝަލް ސާވިސް އިން ބުނީ ޑައިރެކްޓަރ ޖެނަރަލް އޮފް މެލޭޝިޔަން ޕްރިޒަންސް، ދާތުކް ވީރާ ހާޖީ ޒުލްކިފްލި ބިން އޮމަރުގެ ދައުވަތަކަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ކުރައްވާ މިދަތުރުފުޅުގައި މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް (އެމް.ޓީ.ސީ.ޕީ) ގެ ދަށުން ހިންގާ “ސެޓްފިކޭޓް އިން ހިއުމަން ޑިވެލޮޕްމެންޓް ޕްލޭން ޓުވަރޑްސް އިންމޭޓްސް” ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިކޯހުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ 4 އޮފިސަރުން މިހާރުވެސް ތަމްރީނު ފުރިހަމަކުރަމުންދާ ކަމަށް އެމްސީއެސްއިން ހާމަކޮށްފައިވެއެވެ. އަދި މި ދަތުރުފުޅުގައި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާހިޔާ ޒަރީރުގެ އިތުރުން އުތުރާ ޔުނިވަރސިޓީގެ ޑީން އާއި ބައްދަލުކުރައްވާ، އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީސް (އައިކޯސްޓް) އާއި ގުޅިގެން ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިންގުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްސީއެސް އިންމައުލޫމާތުދެއެވެ.މި ދަތުރުފުޅު ނިންމާލެވުމަށްފަހު ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް މާލެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހުއެވެ.