ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ނެދަލޭންޑްސްގެ އަޔެކްސް އާއި ދެކޮޅަށް ކުޅެ އެޓީމުން އަތުން ބައިކޮޅަށް ވަން ލަނޑުން ލިވަޕޫލް ސަލާމަތްވެއްޖެއެވެ.
އަޔެކްސްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މެޗު ލިވާޕޫލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗަށް ނުކުތްއިރުވެސް އަނިޔާގެ ހިޔަނި އެޅިފައިވާ ލިވަޕޫލްގެ ހަމައެކަނި ލަނޑަކީ ފުރަތަމަ ހާފްގައި އެޔަކްސްގެ ނިކޮލަސް ޓަގްލިއަފީކޯ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެއެވެ. މެޗުގައި ލިވަޕޫލްގެ ފަހަތް ބެލެހެއްޓި މިޑްފީލްޑަރ ފަބީނިއޯ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ލިވަޕޫލުން ވަނީ ނެދަލޭންޑްސްގެ ޓީމަކާ އެންމެ ފަހުން ކުޅުނު ހަތް މެޗު ވެސް ކާމިޔާބުކޮށްފައެވެ.
މުބާރާތުގައި މި ގުރޫޕްގައި އިޓަލީގެ އެޓްލާންޓާއާއި ޑެންމާކްގެ މިޓްޔައެލަންޑް ވާދަކުރި މެޗު 4-0 އިން ކާމިޔާބުކުރީ އެޓްލާންޓާއެވެ. ޑެންމާކުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި އެޓްލާންޓާއިން ވަނީ 3 ލަނޑު ޖަހާފައެވެ. މިލަނޑުތައް އެޓީމާށް ކާމިޔާބުކޮށްދިނީ ޑުވާން ޒަޕާޓާ، ޕަޕޫ ގޯމްޒްގެ އިތުރުން ލުއިސް މުރިއެލްއެވެ. މެޗުގެ އެޓްލާންޓާގެ ފަހު ލަނޑު ކާމިޔާބުކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އަލްރަންޗެކެއެވެ. މިމޮޅާއެކު ގުރޫޕްގެ އެއްވަނައިގަ އޮތީ އެޓްލާންޓާއެވެ. ދެވަނަ ލިވަޕޫލްއަށް ލިބޭއިރު އަޔެކްސް އާއި މިޓްޔަލަންޑްކަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.