ޚަބަރު

ރިޟުވާނު މައްސަލާގައި ހެކި ހުރިކަމަށް ވިދާޅުވެ ދެއްކެވި ކަރުދާސްތައް ކުރީ ސަރުކާރުން ވަނީ އަތުލާފައި: މިނިސްޓަރ ޢިމްރާން


ނޫސްވެރިޔާ އަޙުމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލި މައްސަލާގައި ހެކި ހުރިކަމަށް ވިދާޅުވެ މޭޑޭ މުޒާހަރާގެ ތެރޭގައި ދެއްކެވި ކަރުދާސްތައް ކުރީ ސަރުކާރުން އަތުލާފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ނޫސްވެރިޔާ އަޙްމަދު ރިޟުވާން ގެއްލުވާލާފައިވާ މައްސަލައިގެ ހެކި ހުރިކަމަށް ވިދާޅުވެ މޭޑޭ މުޒާހަރާގެ ތެރޭގައި، މިނިސްޓަރ އިމްރާން ކަރުދާސްތަކެއް ދެއްކެވި ކަމަށެވެ. އަދި ރައީސް ޢަބްދުﷲ ޔާމިންގެ އިސްތަށިފުޅުގައި ތުހުމަތުތައް އަޅުއްވައި އެދުވަހު އިމްރާން އެދުވަހު ދެއްކެވި ކަރުދާސްތައް މިހާރު ކޮބައިތޯ ޝިޔާމް ވަނީ ސުވާލު ކުރައްވާފައެވެ.

ޝިޔާމްގެ އެސުވާލަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، މޭޑޭ މުޒާހަރާ އާއި ގުޅިގެން އެމަނިކުފާނު، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހައްޔަރުކުރިކަމަށެވެ. އެދުވަހުގެ މުޒާހަރާއާއި ގުޅިގެން އެމަނިކުފާނު ހައްޔަރުކުރަން އައި ފުލުހުން އެމަނިކުފާނުގެ އަތްޕުޅުގައި ހުރިކަމަށް އެދުވަހު ވިދާޅުވި ކަރުދާސްތައްވެސް ގެންގޮސްފައިވާކަމަށާއި، އެކަރުދާސްތަކަށް ވީގޮތެއް ހޯދަން މިހާރު ޖެހޭނީ އިތުރު ތަޙުޤީޤެއް ހިންގަންކަމުގައި މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. ނަމަވެސް ފުލުހުންގެ ތެރޭގައި ވަރަށް ގިނަ ތަހުޤީޤުތައް ހިންގަން އެބަހުރިކަމަށާއި، ކަރުދާސްތައް އަތުލައިގެން ގެންދިޔަ ތަހުޤިޤާއި ހަމައަށްވެސް އަދި ދެވޭނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

"މޭޑޭގެ މައްސަލާގައި ތިބޭފުޅުންގެ ސަރުކާރުން އަޅުގަނޑު ބަންދުކުރި. އަދި ތިބޭފުޅުންގެ ސަރުކާރުން އަޅުގަނޑު އަތުގައި ހުރި ކަރުދާސްތައް ވަނީ ގެންގޮސްފަ. އެހެންވީމަ އޭރުގެ ފުލުހުންގެ ތެރެއިން އެގެންދިޔަ ބައެއްގެ އެއްޗެހި ވާންވާނެ. ދެން އަޅުގަނޑު ޖެހޭނީ އަލުން ތަހުގީގެއްފަށަން. އެއިރުން ކޮންފުލުހުނެއްތޯ އަޅުގަޑު ހައްޔަރުކުރަން އައީ ކޮންބައެއްތޯ އެ ގެންދިޔައީ ޖެހޭނީ ތަހުގީގެއް ހިންގަން. ދެން އަޅުގަނޑަށް އެ ތަހްގީގާއި ހަމައަށް ދެވޭވަރެއް ނުވޭ. އެއަށްވުރެ މާގިނަ ތަހުގީގްތައްވެސް މިހާރު ކުރަން އެބަޖެހޭ. އެމްއެމްޕީއާރުސީގެ ތެޜޭގައިވެސް ވަރަށް ގިނަ ތަހުގީގްތައްވެސް އެބަހުރި. އެހެންވީމަ އެތަހުގީގާއި ހަމައަށްވެސް ގެންދެވޭނެ." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

2015 ވަނަ އަހަރުގެ މެއި މަހުގެ ފުުރަތަމަ ދުވަހު ބޭއްވި މޭޑޭގެ މުޒާހަރާގައި އޭރުގެ ސަރުކާރާއި ދެކޮޅަށް މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވަނީ ގިނަ ތުހުމަތުތަކެއްކުރައްވާފައެވެ. ނޫސްވެރިޔާ އަޙްމަދު ރިޟުވާން ގެއްލުވާލި މައްސަލައާއި ގުޅޭ ގިނަ ހެކިތަކެއް ހުރިކަމަށް އެ މުޒާހަރަގެ ތެރެއިން މިނިސްޓަރ އިމްރާން ވިދާޅުވެފައިވެއެވެ.

މޭޑޭގެ މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭގޮތަށް މިނިސްޓަރ ޢިމްރާން ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ، އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާކަމަށް ނިންމައި އެމަނިކުފާނު 12 އަހަރަށް ޖަލަށްލާން ކުރިމިނަލްކޯޓުން ހުކުމް ކުރިއެވެ. އެހެން ނަމަވެސް ފަހުން އިސްތިއުނާފު މަރުހަލާގައި ސުޕްރީމް ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް އިމްރާން މިނިވަންކޮށްފައެވެ.