ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް މިހާތަނަށް 9989 މީހަކަށް ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 25000 އަށްވުރެ ގިނަ މީހުން ވަނީ އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި ހުށައަޅާފައެވެ. މީގެތެރިއިން 9989 މީހަކަށް ވަނީ އެލަވަންސް ދޫކޮށްފައެވެ. މިއީ އަދަދުން ބަލާނަމަ ޖުމްލަ 106 މިލިއަން ރުފިޔާއެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަނީ ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ޚާއްޞަ ޢިނާޔަތެއް ދިނުމުގެ ބޭނުމުގައެވެ.
އިންކަމް ސަޕޯޓު އެލަވަންސް ދޫކުރާ މުއްދަތު މިއަހަރުގެ ޑިސެމްބަރުމަހާ ހަމައަށް އިތުރުކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އިންކަމް ސަޕޯޓު އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރއަށެވެ.
ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ. މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން ޢާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި 5000 ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއް ލިބޭނެއެވެ.
ޖޮބް ސެންޓަރއިން މިހާރު ކުރިއަށް މިގެންދަނީ ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް އަސަރުކުރި މީހުންނަށް ދައުލަތުންދޭ އިންކަމް ސަޕޯޓު އެލަވަންސް ދިނުމުގެ 2 ވަނަ ފިޔަވަށްސެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން އޭޕްރީލް، މެއި އަދި ޖޫން މަހުވަނީ އިނާޔަތް ދޫކޮށްފައެވެ.