ރާއްޖޭގައި ދިރިއުޅޭ ބިދޭސީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ބަންގްލަދޭޝްގެ ސަފީރަށް ނައިބް ރައީސް ފައިސަލް ނަސީމް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް، ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ޙަސަން، ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ނައިބު ރައީސްވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެ ޤައުމުގެ މެދުގައިވާ ބަދަހި ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ބަންގްލަދޭޝް ސަރުކާރުން އެކި ގޮތްގޮތުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ، ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގައި ގިނަ ޢަދަދަކަށް ބަންގްލަދޭޝްގެ ރައްޔިތުން ދިރިއުޅެމުންދާކަން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގެ އެކި ދާއިރާތަކުގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުންގެންދަވާކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖޭގެ ސަރުކާރުން، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އަލުން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލުމުގައި ބަންގްލަދޭޝް ސަރުކާރުން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ބަންގްލަދޭޝްގެ ސަފީރަށް ދެއްވާފައެވެ.
ބަންގްލަދޭޝްގެ ސަފީރު ވަނީ ކޯވިޑް-19 ގެ މި ބަލިމަޑުކަމުގެ ޙާލަތުގައި ވެސް ދިވެހި ސަރުކާރުން ރާއްޖޭގައި ދިރިއުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ވެދެއްވަމުންދާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ރާއްޖޭގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި، ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މަތީ ތަޢުލީމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ދެބޭފުޅުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.