ކޯވިޑް-19

ބޭރަށް ނުކުމެ އުޅުމާއި ދުއްވުން މަނާ ވަގުތަށް ބަދަލުގެނެސްފި


ގްރޭޓަރ މާލޭ ސަރަޙައްދުގައި ވެހިކަލް ދުއްވުން މަނާ ގަޑިތަކަށާއި، ކެފޭ ހޯޓާ ރެސްޓޯރެންޓްތަކުން ޚިދުމަތްދެވޭނެ ވަގުތުތަކަށް ބަދަލުގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭއިން ވިދާޅުވީ، މާލެއާއި، ވިލިމާލެ އާއި، ހުޅުމާލޭގައި ރޭގަނޑު އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗަށް ނުކުމެއުޅުން މަނާކޮށްފައިވާ ގަޑިއަށް ބަދަލުގެނެސްފައި ވާކަމަށެވެ.

އެގޮތުން 11:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މިއަދުން ފެށިގެން މަނާވާނެކަމަށް އެ އެޖެންސީން ވިދާޅުވިއެވެ.

މާލެއާއި ހުޅުމާލެއާއި، ވިލިމާލޭގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓްރޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން މިއަދުން ފެށިގެން ރޭގަނޑު 10:30 ހާއި ހަމައަށް ޚިދުމަތް ދެވޭނެކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި މިއަދުން ފެށިގެން ރޭގަނޑު 10:30 އިން ފަތިހު 4:00 ޖެހުމާއި ހަމައަށް މާލޭ ސަރަޙައްދުގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓްރޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ހުޅުވައިގެން ޚިދުމަތް ނުދެވޭނެކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދެވުނު ލުއިތަކާއެކުވެސް، މިހާރުވެސް އަމަލު ކުރަމުންދާ އެހެނިހެން ފިޔަވަޅުތަކާއި އިސްތިސްނާތައް އެގޮތަށް ދެމި އޮންނާނެކަމަށެވެ.

މާލޭ ސަރަޙައްދުގައި އެޗް.ޕީ.އޭއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައި މިވަނީ ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވާން ފެށުމާގުޅިގެންނެވެ. ރާއްޖޭން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނުނުތާ މިހާރު 222 ދުވަސްވެފައިވާއިރު، ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 11،000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި މިހާތަނަށް 35 މީހަކު ރާއްޖޭގައި ވަނީ މި ބަލި ޖެހިގެން ނިޔާވެފައެވެ.