ކުޅިވަރު

ޔުނައިޓެޑާ ކުރިމަތިލާއިރު ޕީއެސްޖީއަށް އަނިޔާގެ ހިޔަނި އެޅިފައި


ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އަންނަ ހަފްތާ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު ޕީއެސްޖީއަށް އަނިޔާ މައްސަލަތައް ކުރިމަތި ވެއްޖެއެވެ.

ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އެ މެޗުގައި ފަހަރެއްގައި ހަމައެކަނި އެގާރަ ކުޅުންތެރިން ބޭނުންކުރަން ޖެހިދާނެކަމަށާއި މިވަގުތު އަނިޔާގައި ކުލަބުގެ އަށް ކުޅުންތެރިޔަކު އެބަތިބިކަމަށެވެ. މިވަގުތު އަނިޔާގައި ތިބި މުހިންމު ކުޅުންތެރިންގެ ތެރޭގައި މައުރޯ އިކާޑީ، ޖޫލިއަން ޑްރެކްސެލާ އަދި މަރުކުއިނޯސް ހިމެނެއެވެ.

ޓުޗެލް ބުނީ ކޯވިޑް-19 އަށް ޕޮޒިޓްވުމުން ބައެއް ކުޅުންތެރިން އެކިހެރި ކުރެވިފަވާކަމަށެވެ. ޓުޗެލް ބުނީ ލީގުގައި ކުޅޭ މެޗުގައި ވެސް ނޭމާ އާއި އެމްބާޕޭއަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހިފަވާކަމަށާއި އެ ދެ ކުޅުންތެރިން ޓީމާ ގުޅުނީ ގައުމީ ޓީމާއެކު 90 މިނެޓު ކުޅުމަށް ފަހުކަމަށެވެ. އޭނާ އެންމެ ބޭނުންވި ވިޔަސް އެ ކުޅުންތެރިންނަށް އަރާމް ކުރަން ފުރުސަތު ދެވެން ނެތްކަމަށެވެ. ޓުޗެލް ބުނީ މުހިންމު ކުޅުންތެރިންނާ ނުލާ މިރޭ ލީގުގައި ނެމްސް މައްޗަށް ކުރި ހޯދޭތޯ މަސައްކަތް ކުރާނެކަމަށެވެ. މިމެޗާ ކުރިމަތިލާއިރު 12 ޕޮއިންޓް ހޯދައިގެން ޕީއެސްޖީ އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ.