ޚަބަރު

ސްޓޭޓް މިނިސްޓަރ ޝާހުގެ ސަސްޕެންޝަން އުވާލައިފި


ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާހް މާހިރުގެ ސަސްޕެންޝަން އުވާލައިފިއެވެ. ޝާހު ސަސްޕެންޑްކޮފައިވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ކުރި މުޢާމަލާތްތަކުގައި ކޮރަޕްޝަން ހިމެނޭކަން ފާހަގަވެގެން ހިންގާ ތަޙްޤީޤް ނިމެންދެންނެވެ. ޝާހުގެ ސަސްޕެންޝަން އުވާލާ އޭނާއަށް އެކަން އަންގާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވިއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި 11 މީހެއްގެ މައްޗަަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު އެ ނަންތަކުގެ ތެރޭގައި ޝާހުގެ ނަން ހިމަނާފައެއް ނުވެއެވެ. ޝާހުގެ ސަސްޕެންޝަން އުވާލުމާއި ގުޅިގެން އޭސީސީން މައްސަލަ ނިންމިގޮތުގެ ލިޔުން އޭނާއާވަނީ ހަވާލުކޮށްފައެވެ.

ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މުއާމަލާތްކުރި ބިޑު ކޮމިޓީގެ ގިނަ މެންބަރުންގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވާއިރު ޝާހަކީވެސް އެކޮމިޓީގެ މެންބަރެކެވެ.

ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލާގައި މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރުންގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކޮށްފައިވާ ކަމަށް ކުރާ ތުޙުމަތާގުޅޭ މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތައްވެސް އޭސީސީން ވަނީ ހާމަކޮށްފައެވެ.