ކުޅިވަރު

ސްވިޑެން ބަލިކޮށް ޕޯޗުގަލް ގުރޫޕްގެ އެއްވަނައަށް


ޔުއެފާ ނޭޝަންސް ލީގުގައި ސްވިޑެން ބަލިކޮށް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވުމުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ކުޅުނު މެޗުން ޕޯޗުގަލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕޯޗުގަލްގެ ޑިއޯގޯ ޔޮޓާ ދެ ލަނޑު ކާމިޔާބުކުރި އިރު ޕޯޗުގަލްގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާއެވެ.

މި ގުރޫޕްގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސްއާއި ކްރޮއޭޝިއާ ވާދަކުރި މެޗު 2-1 އިން ކާމިޔާބުކުރީ ފްރާންސެއެވެ.

ގްރީޒްމަން މެޗުގެ 8 ވަނަ މިނެޓުގައި ލަނޑެއް ޖަހައިކުރި ހޯދާފައިވަނިކޮށް ކްރޮއޭޝިއާއިން ވަނީ މެޗުގެ ދެވަނަ ހާފްގައި ލަނޑެއް ޖަހާ މެޗުގެ ނަތިޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިކޮލާ ވެލްސިޗްއެވެ. ފްރާންސް މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 79 މިނެޓުގައި ކިލިއަން އެމްބާޕޭއެވެ. މިއީ އެމްބާޕޭ ފްރާންސްގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 16 ވަނަ ލަނޑެއެވެ.

މިފަހަރު ލީގުގައި އަދި ފްރާންސް ބަލިވެފައެއް ނުވެއެވެ. މި ނަތީޖާއެކު ޕޯޗުގަލް އާއި ފްރާންސް އަށް 10 ޕޮއިންޓް ލިބިފަވާއިރު ގުރޫޕްގެ އެއްވަނަ ޕޯޗުގަލްއަށް ލިބެނީ ލަނޑުގެ ތަފާތުންނެވެ. ކްރޮއޭޝިއާއަށް ތިންވަނަ ލިބެނީ ތިން ޕޮއިންޓާއެކުއެވެ.