ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ދަނޑުވެރިންގެ ފޯރަމް ފަށައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކުރިއަށްގެންދާ ދަނޑުވެރިންގެ ފޯރަމް ފަށާފައިވަނީ މިއަދު ހެނދުނު 9:30 ގައެވެ. މި ފޯރަމްގެ މައިގަނޑު މަޤްސަދަކީ މިނިސްޓްރީގެ އެގްރިކަލްޗަރ ޑިޕާޓްމަންޓުން ދަނޑުވެރިންނަށާއި އާންމުންނަށް ފޯރުކޮށްދެމުންދާ ޙިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ.
ޒޫމް މެދުވެރިކޮށް ކުރިއަށްގެންދާ މި ބައްދަލުވުމުގައި 45 ފަރާތަކުން ބައިވެރިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އޭގެތެރޭގައި ދަނޑުވެރި ރަށްރަށުގެ ކައުންސިލް މެންބަރުންނާއި، ދަނޑުވެރިންގެ މަންދޫބުންނާއި، ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ފަޅުރަށްތަކުގެ މަންދޫބުން ހިމެނެއެވެ. މީގެއިތުރުން ދަނޑުވެރިކަމާއި ގުޅުންހުރި ދައުލަތުގެ އެކި މުވައްސަސާތަކާއި ދަނޑުވެރި ކޯޕަރޭޓިވްތަކާއި ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި ވިއްކާ ވިޔަފާރިތަކުން ވަނީ ބައިވެރިވެފައެވެ.
މި ފޯރަމް ކުރިއަށްދާނީ 2 ދުވަހުގެ މުއްދަތަކަށެވެ. ފޯރަމްގެ ތެރެއިން އަލަށް އުފައްދާފައިވާ ޕެސްޓިސައިޑް ޤާނޫނާއި ޤަވައިދުތަކުން ދަނޑުވެރިކަމުގެ ވައްޓަފާޅިއަށް އަންނާނެ ބަދަލުތަކާއި، ދަނޑުވެރިކަން ކުރިއެރުވުމަށް މިނިސްޓްރީން ކުރާ މަސައްކަތްތައް ހިއްސާކުރާނެއެވެ. މީގެއިތުރުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ދަނޑުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއި ބެހޭ މައުލޫމާތު ހިއްސާކޮށް ބައިވެރިންގެ ހިޔާލު ހޯދާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ދަނޑުވެރިންގެ ދުވަހާއި ގުޅިގެން މާދަމާ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފަތިސްނަމާދަށްފަހު ދުވަހާއި ގުޅޭ ހާއްސަ ދުއާއެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހއ. ގެ ތިންރަށުގައި ޒަމާނުއްސުރެ ރާއްޖޭގައި ހައްދާ ސިއްހަތައް ފައިދާހުރި ކާނާގެ ބާވަތްތައް އިތުރުކުރުމުގެ ގޮތުން ގަސްބެހުމާއި އިންދުމުގެ ހަރަކާތެއް ކުރިއަށްދާނެއެވެ. މި ހަރަކާތް ކުރިއަށްދާނީ މޮޅަދޫ، އުލިގަމު އަދި ވަށަފަރުގައެވެ. މީގެއިތުން ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގުރާމް ރަސްމީކޮށް ފެށުމުގެ ގޮތުން ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގައި 100 ރުކުގެ ރުއް ދަނޑެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.