ޚަބަރު

ޖޭއެސްސީގައި އަޅުގަނޑު އިނުމަށް ރައީސް ޔާމީން ބޭނުންފުޅުވޭ: ރައީސް ނަޝީދު


ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގައި ރައީސް ނަޝީދު އިންނެވުމަކީ ރައީސް ޔާމީނަށް އެންމެ ރަނގަޅުގޮތްކަމަށާއި، އެއީ ރައީސް ޔާމީން އެދިވަޑައިގަންނަވާނެގޮތްކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މޫސުމީ ބަދަލުތަކާއި ގުޅިގެން ރާއްޖެއިން ކުރަންޖެހޭ މަސައްކަތް އިތުރުކުރުމަށް ގޮވާލާ ހުށައެޅި މައްސަލައަކާއި ގުޅިގެން މާވަށު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސަޢީދު ވަނީ ތިމާވެށިގެ ރޮނގުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ ބުރަދަނެއް ހޯއްދަވަން ޖެހޭނަމަ ޖޭއެސްސީން ރައީސް ނަޝިދު އިސްތިއުފާދެއްވަން ޖެހޭކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެކަމުގެ ސަބަބުން ރައީސް ޔާމީނަށާއި ރައްޔިތުންނަށް އިންސާފު ނުލިބޭނެކަމަށް ސަޢިދު ވިދާޅުވުމުން އެކަމަށް ރައްދުދެއްވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާގޮތުގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އެމަނިކުފާނު އިންނެވުމަކީ ރައީސް ޔާމީން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ ގޮތްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިންސާފުވެރިކަމާއެކު ރާއްޖޭގައި ޝަރީޢަތްތައް ނުކުރެވޭނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާ އާއި ގެއްލުން ބޮޑުވާނެކަމަށާއި، އެމަނިކުފާނަކީ އެކަން އެންމެ ގާތުން ތަޖުރިބާކުރެއްވި ބޭފުޅާކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް ޔާމިން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ އެއްކަމަކީ އަޅުގަނޑު މިވަގުތު ޖޭއެސްސީގައި އިނުން. އަޅުގަނޑު ވަރަށް ތެދަށް މިދަންނަވަނީ ދިވެހިރާއްޖޭގައި އިންސާފުވެރިކަމާއިއެކީގައި ޝަރީޢަތްތައް ހިންގޭ ގޮތް މެދުވެރި ނުވެއްޖެނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާ އާއި ގެއްލުން އިންތިހާއަށް ބޮޑުވާނެ. އަޅުގަނޑުމީ އިންސާފު ނެތަތީ އެކަން ވަރަށް ގާތުން ސީދާ ތަޖުރިބާކޮށްފަހުރި މީހެއް. އެންމެފަހަރަކު ދެފަހަރަކު ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކުރިން ރައީސްކަން ކޮށްފައިވާ ބޭފުޅުން ގޯސްކޮށް ކަމެއްކޮށްފައި ވާނަމަ އެބޭފުޅަކަށް އަދަބު ލިބެންޖެހޭނެކަން ރައްޔިތުން ޤަބޫލުކުރާކަަމަށާއި، އެކަން އޮންނަޖެހޭނެ ގޮތަކީވެސް އެއީކަމަށެވެ. އަދި ޝަރުޢީ ނިޒާމުގެ ތެރެއިން އެކަން އެގޮތަށް ހަމަޖެހިފައި އޮންނަންވާނެކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެމަނިކުފާނު ޖޭއެސްސީގައި އިންނެވުމަކުން އަނިޔާ އިސްނުކުރައްވާނެކަމަށާއި، އިންސާފު ޤާއިމްކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ޔަޤީންކަން އަރުވަން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ މިހާރު އެއޮތްގޮތަށް އޮތްހާ ހިނދު މިމަޖިލީހުގެ ރައީސްގެ ގޮތުގައި އަޅުގަނޑު ޖުޑީޝަލް ސާރވިސް ކޮމިޝަންގައި އިށީނދެ އިނދެ ކުރާ މަސައްކަތްކުރާނީ އިންސާފުވެރިކަމާ އަދުލުވެރިކަމާ އިޚްލާސްތެރިކަމާ އަދި މަދަދުވެރިކަމާއެކީގަ. އަނިޔާވެރިކަން ކުޑަކޮށްވެސް އިސްނުކޮށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ޤާނޫނު އަސާސީގައި ބުނާގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން އެކުލެވިގެން ވާނީ، މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރުންގެ މައްޗަށް އެކުލެވޭ 10 މެންބަރުންގެ މައްޗަށެވެ.