ރާއްޖެއިން އިތުރު 50 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ ޢަދަދު 11،000އާ ގާތްކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ހޯމަ ދުވަހުގެ އިރުއޮއްސި 18:00އިން އަންގާރަ ދުވަހުގެ އިރުއޮއްސި 18:00އާއި ހަމައަށް މާލޭ ސަރަޙައްދުން 46 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އަތޮޅުތަކާއި ރިސޯޓުތަކުން 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އެޗް.ޕީ.އޭއިން ޢާއްމުކުރައްވާފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 50 މީހުންގެ ތެރެއިން 48 މީހުންނަކީ ދިވެހިންނެވެ. އަދި ޕޮޒިޓިވްވި ބިދޭސީންގެ ޢަދަދަކީ 2 މީހުންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 10،993 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 50 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9832އަށް އިތުރުވެފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 28 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 35 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1118ގައި އުޅޭއިރު 384 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. މިބަލި ޖެހިގެން އެޑްމިޓްކޮށްގެން މިހާރު ފަރުވާދެމުންދަނީ 67 މީހުންނަށެވެ. މީގެ ތެރެއިން ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި 4 މީހުންނަށް ދަނީ ފަރުވާދެމުންނެވެ. އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިލީގައި ހުންނަ ފެސިލިޓީގައި 5 މީހަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި ރާއްޖޭގައި 1389 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއިއެކު މިބަލި ދެނެގަތުމަށް ރާއްޖޭގައި ނެގި ސާމްޕަލްތަކުގެ ޢަދަދު ވަނީ 172،149އަށް މަތިވެފައެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ 20 ރަށަކުންނާއި، 18 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުން އެބަތިބިކަމަށެވެ. އެގޮތުން އަތޮޅުތަކުން 89 ދިވެހިންނާއި، 63 ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައި ވެއެވެ. އަދި ރިސޯޓުތަކުން 10 ފަތުރުވެރިއަކާއި، 19 މުވައްޒަފަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.