ވިޔަފާރި

ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް މިއަހަރުވެސް ގިނަ ހަރަކާތްތަކެއް


ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް މިއަހަރުވެސް ގިނަ ހަރަކާތްތަކެއް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވަނީ ރާވާފައެވެ.

މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް މިނިސްޓްރީން ފަށާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

ދަނޑުވެރިންގެ ދުވަހާއި ގުޅުވައިގެން ބާއްވާ އެންމެ ޙާއްސަ އެއް ހަރަކާތަކީ ދަނޑުވެރިންގެ ފޯރަމެވެ. މި ފޯރަމް ކުރިއަށްދާނީ މިމަހުގެ 14 އިން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ، މި ފޯރަމްގައި ދަނޑުވެރިންނާއި ރަށްރަށުގެ ކައުންސިލްތަކުގެ މަންދޫބުންނާއި ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަންކުރާ ރަށްރަށުގެ މީހުންނާއި ކަމާގުޅޭ މުއައްސަސާތަކުގެ ބައިވެރިވާނެކަމަށެވެ.

ފޯރަމްގެ ފުރަތަމަ ދުވަހު ކުރިއަށްދާނީ މިނިސްޓްރީން ފޯރުކޮށްދޭ ދަނޑުވެރިކަމާ ގުޅުންހުރި ޕްރޮގުރާމްތަކާއި ހިދުމަތްތައް ވީހާވެސް ރަނގަޅަށް ފޯރުކޮށްދިނުމުގެ ގޮތުން ބައިވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ.

ފޯރަމްގެ 2 ވަނަ ދުވަހު ކުރިއަށްދާނީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ދަނޑުވެރިންނަށް ފޯރުކޮށްދޭ ތަފާތު ހިދުމަތްތަކާއި ބެހޭ މައުލޫމާތު ހިއްސާކުރުމެވެ. ފޯރަމްގެ ހިޔާލާއި މަޝްވަރާއަށް ބެލުމަށްފަހުގައި ކަރުދާހެއް ތައްޔާރުކުރާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މި ފޯރަމް ކުރިއަށްދާނީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށްނެވެ. ފޯރަމްގައި 40 ފަރާތަކުން ބައިވެރިވާނެކަމުގެ ޔަޤީންކަން މިހާރުވެސް ލިބިފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ދަނޑުވެރިންގެ ދުވަހާއި ގުޅިގެން މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފަތިސްނަމާދަށްފަހު ދުވަހާއި ގުޅޭ ހާއްސަ ދުއާއެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހއ. އަތޮޅުގެ ތިންރަށުގައި ޒަމާނުއްސުރެ ރާއްޖޭގައި ހައްދާ ސިއްހަތައް ފައިދާހުރި ކާނާގެ ބާވަތްތައް އިތުރުކުރުމުގެ ގޮތުން ގަސްބެހުމާއި އިންދުމުގެ ހަރަކާތެއް ކުރިއަށްދާނެއެވެ. މި ހަރަކާތް ކުރިއަށްދާނީ މޮޅަދޫ، އުލިގަމު އަދި ވަށަފަރުގައެވެ.

މީގެއިތުން ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމް ރަސްމީކޮށް ފެށުމުގެ ގޮތުން ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގައި 100 ރުކުގެ ރުއް ދަނޑެއް އެޅުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ދުވަހާއި ގުޅޭ ހާއްސަ ހިތާބެއް މިނިސްޓަރ ދެއްވުމާއި އެގްރިކަލްޗަރ އޮންލައިން ސިސްޓަމް އިފްތިތާހްކުރުން ކުރިއަށްދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.