ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ މެންބަރުކަން ގެއްލި އެދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަންނަ ބުރާސްފަތިދުވަހަށް ތަޢާވަލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ޗާޓަޑް އެކައުންޓެންޓުންގެ ޤާނޫނުގެ ދަށުން އުފެދިގެންދިޔަ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރަކަށް ޔަޢުޤޫބު ޢައްޔަންކޮށް މަޤާމުގެ ހުވާކުރެއްވުމުން އޭނާގެ މެންބަރުކަމާމެދު ވަނީ ދުވާލު އުފެދިފައެވެ. އެހެންކަމުން އޭނާގެ މެންބަރުކަން ގެއްލިއްޖެކަމަށާ، އެދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅީ ސިވިލް ކޯޓުގެ ކުރީގެ ޤާޟީ މުޙައްމަދު ޙަލީމެވެ. އޭނާ ހުށަހެޅުއްވި މައްސަލާގައިވަނީ ޗާޓަޑް އިސްޓިޓިއުޓްގެ މެމްބަރުކަމާއި ޔައުޤޫބު ޙަވާލުވެވަޑައިގަތް ވަގުތުން ފެށިގެން ދާންދޫ ދާއިރާގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވާކަމަށް ކަނޑައަޅާއިދިނުމަށެވެ.
ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުގައި ހުންނަވައިގެން މުސްތަޤިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަޤާމެއް އަދާ ނުކުރެވޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން އެއްވެސް ވަޒީފާއެއްވެސް އަދައެއް ނުކުރެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މިނިވަން މުސްތަގިއްލު ޝަހުޝެއް ކަމަށް އެޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.