ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ތަޅުމުގައި ތިއްބަވާ ތަރުތީބަށް ބަދަލު ގެނެސް، ސިޔާސީ ޕާޓީތައް ވަކިން ތިބޭ ގޮތަށް ބަދަލުކުރުމަށް އާންމު ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގު މެންބަރުން ތަޅުމުގައި އިށީނދެވަޑައިގެން ތިއްބަވާ ތަރުތީބުތަކަށް ބަދަލު ގެނައުމަށް ނިންމާފައި ވަނީ ކޮމިޓީ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމިޓީގައި މިކަމަށް ކުރި ބަހުސްގައި މެމްބަރުން ވަނީ އެކި ޚިޔާލުތައް ފާޅުކުރައްވާފައެވެ. ބައެއް މެމްބަރުން ވަނީ މިހާރު އޮތް ތަރުތީބަށް ބަދަލު ގެނެސް ހއ. ފެށިގެން ސ. އަތޮޅާއި ހަމަށް މެމްބަރުން ތިއްބަވާ ގޮތަށް ތަރުތީބަށް ބަދަލު ގެނައުމަށްވެސް ހުށަހަޅާފައެވެ.
ޑިމޮކްރަޓިކް ޤައުމުތަކާއި، ރިޔާސީ ނިޒާމުގައި މަޖިލީހުގެ މެމްބަރުން ތިއްބަވާ ގޮތަށް ރިއާޔަތްކޮށް ރާއްޖޭގައިވެސް މިނިޒާމުތަކާއި އެއްގޮތަށް މަޖިލިސްގެ ކަންކަން ބައްޓަން ކުރުމަށް މެމްބަރުން ވަނީ މަޝްވަރާކޮށްފައެވެ. ކޮމިޓީގެ ގިނަ މެމްބަރުން ވަނީ މި ހުށަހެޅުމަށް ތާއީދުކޮށް ޕާޓީތައް ވަކިވާގޮތަށް ތަރުތީބު ބަދަލުކުރުމަށް ފެންނަކަމަށް ތާއީދުކޮށް އެގޮތަށް ފާސްކޮށްފައެވެ.
މަޖިލީހުގެ ތަޅުމުގައި ޕާޓީތަކުގެ މެމްބަރުން އެއްކޮށް ތިއްބަވާގޮތަށް ބަދަލު ގެނައުމުން މެމްބަރުން ތިއްބަވާނެ ތަރުތީބެއް ކަނޑައަޅާނީ އެޕާޓީއެއްގެ ޕާލިމަންޓްރީ ގްރޫޕުންނެވެ. އަދި މި ބަދަލު ގެންނައިރު ކަންކަން ރަނގަޅަށް ބަލައި ދިރާސާ ކުރުމަށްފަހު މަޖިލީހުން ގޮތެއް ނިންމުމަކީ ރަނގަޅު ކަމެއްކަމަށް ކޮމިޓީގެ މެމްބަރުން ވެސް ދެކެވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ މެމްބަރުންގެ ތިއްބަވާ ގޮތަށް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުން ދާއިރު މިހާރު މަޖިލީހުގައި މެމްބަރުން ތިއްބަވާ ތަރުތީބަކީ މާލެއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން އެންމެ ކުރީގައި ތިއްބަވާ ގޮތަށެވެ. އަދި އޭގެ ފަހަތުން އަތޮޅުތަކުގެ ދާއިރާތައް ތަރުތީބުވާ ގޮތަށެވެ.