ޚަބަރު

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއިއެކު އެހެން ޤައުމުތަކާއި އޮތް ވިޔަފާރީގެ ގުޅުމަށް ބުރޫއަރާނެ: މިނިސްޓަރ



ޗައިނާއާއެކު ކުރީ ސަރުކާރުން ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އޭގެ ސަބަބުން އެހެން ޤައުމުތަކާއި އެކު އޮންނަ ވިޔަފާރިގެ ގުޅުމަށް ބުރޫއަރާނެފަދަ އެއްބަސްވުމެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ސިފަކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އެހުންތެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވީ، އެއީ އެމަނިކުފާނު މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރުވެސް ވަރަށް ދެކޮޅު ހެއްދެވި އެއްބަސްވުމެއްކަމަށެވެ.

"އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން މިހާރު މިދަންނަވަނީ އެ ފްރީ ޓްރޭޑް އެގްރީމަންޓަކީ އެއްގޮތަކަށްވެސް ސޮއިކުރަން ހެޔޮވާވަރުގެ އެއްބަސްވުމެއް ނޫން. އޭގަ ރަނގަޅު ކަންތައްތަކެއްވެސް އެބަހުރި އިނގޭތޯ. ކޮންމެ ކަމެއްގަވެސް ހުންނާނެ ރަނގަޅާއި ގޯހާ. ދެން އަޅުގަނޑުމެންނަށް މިބަލަން ލިބުނީވެސް ގަޑިއެއްޙާއިރު އިނގޭތޯ. 1000 ކޮންމެސް ގަނޑެއްއޮތް އެއްބަސްވުމެއް އެއީ ފަހުން އެބަލާލިން. މަޖިލީހުން ރުހުންދިން ހިސާބުން. އޭގަ ހުރި ވަރަށް ގިނަ ގެއްލުންތަކެއް ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ." މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވިއެވެ

މިނިސްޓަރ ވިދާޅުވީ ޗައިނާއިން ޑިއުޓީ ފްރީކޮށް މުދާ އެތެރެކުރެވިދާނެ ކަމަށާއި، ނަމަވެސް ޗައިނާ ކަހަލަ ބޮޑު ގައުމެއްގެ މުދަލުން ސުން ޕަސެންޓް ނަގާފައި އެހެން ޤައުމުތަކުގެ މުދަލުން އެއަށްވުރެ ބޮޑު ޕަސެންޓެއްގެ ޑިއުޓީ ނެގުމަކީ އެހެން ޤައުމުތަކާއެކު އޮތް ވިޔަފާރީގެ ގުޅުމަށް ބުރޫ އަރާނެކަމެއްކަމަށެވެ.

"އަޅުގަނޑުމެންނާއެކު ޒަމާނުއްސުރެ ޓްރޭޑުގެ ގޮތުން އެސްޓަބްލިޝްވެފަހުރި ހުރިހާ ލިންކުތަކެއް ހަލާކުވެގެން އެދަނީ. އޭގެ މާނައަކީ އަޅުގަނޑުމެން ފޯލްބެކް އެއްވެސް އެއްޗެއް ނޯންނާނޭ. ސިންގަޕޫރާއެކު އޮތް ޓްރޭޑް ރިލޭޝަން ދިޔައީ، ދުވާއީއާއެކު އޮތް ޓްރޭޑް ރިލޭޝަން އޭރުން ދިޔައީ، އިންޑިއާއެކު އޮތް ޓްރޭޑް ރިލޭޝަންސް ދިޔައީ. އެއީ މިދެންނެވިހެން ޗައިނާގެ އެއްޗެހި އަގުހެޔޮވީމަ ހުރިހާ ވިޔަފާރިވެރިންވެސް ވައްދާނީ ޗައިނާ އެއްޗެހިތާ. ދެން އަލުން އަޅުގަނޑުމެން ބަލާލާއިރު އެސްތަބްލިޝްކޮށްފަހުރި ވިޔަފާރީގެ ގުޅުންތައް އަލުން ފައްޓާނެ ޖާގައެއް ނޯންނާނެ." މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދޅުވިއެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ އެއީ އެމަނިކުފާނު އިޤްތިޞާދާބެހޭ ވަޒީރަކަށް ހުރެ ކުރައްވާނެކަމެއް ނޫންކަމަށެވެ. ނަމަވެސް މިނިވަން ވިޔަފާރީގެ ކަންކަމާ ވާހަކަ ދައްކާ އިތުރަށް ރަނގަޅުކުރެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި ޤާއިމްކޮށްފައިވާކަމަށް ބުނާ ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ހަދަންޖެހޭ އެއްވެސް ޤާނޫނެއް ހަދާއިފައި ނެތުމުން، އެ އެއްބަސްވުމުގެ ފައިދާއެއް ނެތްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ކުރީގެ ސަރުކާރުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލާފައި ވަނީ، 2017ވަނަ އަހަރުގެ ޑިސެމްބަރު 7ވަނަ ދުވަހުއެވެ. މި އެއްބަސްވުން ހިމެނޭގޮތުން ކުރީގެ ސަރުކާރުން ޗައިނާއެކު 12 އެއްބަސްވުމެއް އެކުލަވާލާފައިވެއެވެ.