ވަރލްޑް ކަޕް ކޮލިފައިންގައި ދެކުނު އެމެރިކާގެ ފުރަތަމަ މެޗުތަކުން އާޖެންޓީނާއާއި އުރުގުއާއީން ކުރި ހޯދައިފިއެވެ.
ކޮލިފައިންގައި އުރުގާއީ ކުރި ހޯދީ ޗިލީއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި އުރުގާއީގެ ލުއިސް ސުއަރޭޒް ލަނޑެއް ޖަހައި ކުރި ހޯދާފަވަނިކޮށް ދެވަނަ ހާފް ފަށައިގެން 8 ވަނަ މިނެޓުގައި ސަންޗޭޒް ވަނީ ޗިލީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގައި އުރުގުއާއިން ކުރި ހޯދީ ފަހު ވަގުތުގައި ކުޅެން ނުކުތް މެކްސީ ގޯމޭޒް ކާމިޔާބުކުރި ލަނޑުންނެވެ އޭނާ މި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތު ތެރޭގައެވެ.
ދެކުނު އެމެރިކާ ކޮލިފައިން ގުރޫޕްގައި އާޖެންޓީނާ އިކުއެޑޯ އާ ވާދަކުރި މެޗު 1-0 އިން ކާމިޔާބުކުރީ އާޖެންޓީނާއެވެ. މެޗުގައި ހަމައެކަނި ލަނޑު ލިބުނު ޕެނެލްޓީއަކުން އާޖެންޓީނާއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ.
ކޮލިފައިން ބުރުގައި ޕެރަގުއާއީ އާއި ޕެރޫ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ކޮލިފައިން ބުރުގައި ފުރަތަމަ މެޗުގައި މިރޭ ކޮލަމްބިއާ އާ ވެނެޒުވޭލާ ވާދަކުރާއިރު ބްރެޒިލް ނުކުންނާނީ ބޮލީވިއާ ދެކޮޅަށެވެ.