ވިޔަފާރި

ގްރީން ޓެކްސްގެ ގޮތުގައި އޮގަސްޓްމަހު 5.2 މިލިއަން ރުފިޔާ


އޮގަސްޓްމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 5.2 މިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރައްވާފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އޮގަސްޓްމަހު ގްރީން ޓެކްސްގެ ގޮތުގައި 5.2 މިލިއަން ރުފިޔާ ލިބުނުއިރު، މިއީ މިދިޔަ އަހަރުގެ އޮގަސްޓްމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 72 މިލިއަން ރުފިޔާއާ އަޅާބަލާއިރު 92.7 އިންސައްތަ ދަށް އަދަދެކެވެ.

އޮގަސްޓްމަހު ރިސޯޓްތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 4.3 މިލިއަން ރުފިޔާއެވެ. ހޮޓެލްތަކުން އެއްލައްކަ ފަސްދޮޅަސް އެއްހާސް ރުފިޔާ ލިބިފައިވާއިރު، ގެސްޓްހައުސްތަކުން ލިބިފައިވަނީ ހަލައްކަ ނަވާރަ ހާސް ރުފިޔާއެވެ. މީގެއިތުރުން ސަފާރީތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ އެއްލައްކަ ސާޅީސް އެއްހާސް ރުފިޔާއެވެ.

ވަކިވަކި އަތޮޅުތަކަށް ބަލާލާއިރު އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ މާލެ ނުހިމެނޭ ގޮތަށް ކ. އަތޮޅުންނެވެ. ކ. އަތޮޅުން ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 2 ވަނަ އަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ ރ. އަތޮޅުންނެވެ. އެއީ ހަތްލައްކަ ރުފިޔާއެވެ. 5 ލައްކަ ރުފިޔާއާއިއެކު 3 ވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ އދ. އަތޮޅުންނެވެ.

ކޯވިޑް19އާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިން ދަށްވުމުގެ ސަބަބުން އެހެން އަހަރުތަކާއި އަޅާބަލާއިރު މިއަހަރު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތައް ލިބޭ އާމްދަނީ ވަނީ ދަށްވެފައެވެ. ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ.