އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާގެ ހުކުމް އިއްވުން މިއަދު ހަވީރަށް ތާވަލުކޮށްފިއެވެ. މި މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ މިއަދު އިރު އޮއްސި 6 ޖަހާއިރުއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވަނީ ޚިޔާނާތުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒް ފައިދާއެއް ހޯދާދިނުމުގެ ކުށުގެ ދައުވާއަކާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒް ފައިދާއެއް ހޯދުމުގެ ކުށުގެ ދައުވާއަކާއި މަނީ ލޯންޑަރކުރުމުގެ ކުށުގެ ދެ ދައުވާއެވެ. އަދީބުގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ އޭނާ ޓްއަރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ދުވަސްވަރާއި ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނަވާ ޓައްރިޒަމް މިނިސްޓްރީ ހަވާލުވެޑާއިގެން ހުންނެވި ދުވަސްވަރު ހިންގާފައިވާ ކޮރަޕްޝަން މައްސަލަތަކާއި ގުޅިގެންނެވެ.
ދައުލަތާއިއެކު ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން އަދީބުވަނީ މި ދައުވާތަކަށް އިޢުތިރާފްވެވަޑައިގެންފައެވެ. މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ހަތް ދައުވާގެ އަދަބެއްގެ ގޮތުން 20 އަހަރަށް ޖަލަށްލުމާއި 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް އެއްބަސްވެފައިވާކަމަށެވެ.
މި މައްސަލައިގައި މިދިޔަ ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައިވެސް އަވަސް ނިޔާއެއްގެ ގޮތުފައި މައްސަލަ ނިންމެވުމަށް ކޯޓުން ކަނޑައެޅިނަމަވެސް އެދުވަހުގެ ޝަރީއަތް ނިންމާލީ އަދަބާއި ގުޅޭގޮތުން އިތުރަށް މަޝްވަރާކުރުމަށް އަދީބުގެ ފަރާތުން އެދިވަޑައިގަތުމުންނެވެ.
- ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ފުރަތަމަ ދައުވާ: 4 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް
- ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ވަނަ ދައުވާ: 2 އަހަރާއި 4 މަހާއި 26 ދުވަސް
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ : 3 މަސް ދުވަސް
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ : 6 މަސް ދުވަސް
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ: 1 މަހާއި 15 ދުވަސް
- މަނީ ލޯންޑަރިންގެ ދައުވާ:5 އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށްލުން / އެއްމިލިއަން ރުފިޔާއިން ޖޫރިމާނާ
- މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ: 5 އަހަރާއި 11 މަހާއި 12 ދުވަހަށް ޖަލަށްލުން / އެއްމިލިއަން ރުފިޔާއިން ޖޫރިމާނާ
އަދީބާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުމުގެ ތަފްސީލު ޝަރީޢަތަށް ހުށައެޅުއްވުމުން މައްސަލަ ބައްލަވާ ޤާޒީ ވަނީ ޙުކުމް ކުރުން މިމަހުގެ 12 ވަނަ ދުވަހު ބާއްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއީ އަވަސް ނިޔާގެ މައްސަލަައަކަށްވާތީ އިޢުތިރާފްގެ ޝަރީއަތަށްފަހު ބާއްވާ އަޑުއެހުމެއްގައި ޙުކުމް ކުރަންޖެހޭނެކަން ޤާނޫނުލް އުޤޫބާތުގައި ބަޔާންކޮށްފައިވާކަން ދައުލަތުން ތަކުރާރުކޮށް ފާހަގަކުރުމުން މައްސަލަ ބައްލަވަ ޤާޒީ ވަނީ ޝަރީޢަތް މެދުކަނޑާލާފައެވެ. އަދި އިރުކޮޅެއްފަހުން ޝަރީޢަތް އަލުން ފައްޓަވާ މި މައްސަލައިގެ ހުކުމް މިއަދު އިރުއޮއްސި ހައެއް ޖަހާއިރު އިއްވާނެކަން އިއުލާންކުރައްވާފައެވެ.
ދައއުލަތުން ުއފުލި ދައުވާތަކަށް އިއުތިރާވެވަޑައިގެން ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން މުޅި ސަރުކާރު ގުޅިގެން ހިންގި ބޮޑު ސްކޭމެއްކަމަށެވެ. އަދި މިކަން ފެށިީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކަށް ބޭރުގެ އެކި ފަރާތްތަކުން 200 މިލިއަނެއްހާ ޑޮލަރު ލިބޭނެކަމަށާއި އެ ފައިސާ ލިބުމުން އަނބުރާލާ ގޮތަށް ސަރުކާރުގެ ތަންތަނުން ލާރި ނެގުމަށް ރައީސް ޔާމީން އިރުޝާދު ދެއްވުންކަމަށްވެސް އަދީބު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވިއެވެ.
އަދީބު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކީ ވަރަށް ގިނަ ބަޔަކު ޝާމިލުވެ އޭގެއިން މަންފާތަކެއް ހޯދައިފައިވާ ކަމެއްކަމަށެވެ. އެގޮތުން ހުރިހާ ސިޔާސީ ޕާޓީއަކާއި އަދި އޭރުގެ މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުގައި ނެގި އެތައް ވޯޓްތަކަކާއި އެތައް މެންބަރުންނެއް އެފައިސާ ބޭނުންކޮށްފައިވާކަމަށްވެސް އަދީބު ތުހުމަތުކުރެއްވިއެވެ.