އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލުން މޮޅެއް ހޯދާ ކުރިޔަށް ޖެހިލިއިރު މެންޗެސްޓަރ ޔުނައިޓެޑް ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.
ލީގުގައި އާސެނަލް މޮޅުވީ އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑުގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ދެވަނަ ހާފްގައި ލަނޑުތައް ފެނިގެން ދިޔަ މެޗުގައި އާސެނަލަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ބުކަޔޯ ސާކާ އާއި ނިކޮލަސް ޕެޕޭއެވެ. ޝެފީލްޑުން ލަނޑު ޖެހީ ޑޭވިޑް މެކްގޯލްޑްރިކްއެވެ. މިއީ މި ސީޒަނުގައި ޝެފީލްޑުން ޖެހި ފުރަތަމަ ލަނޑެއެވެ. އަދި މިއީ ޝެފީލްޑަށް ލީގުގައި ވިދިވިދިގެން މޮޅެއް ނުހޯދުނު ހަތް ވަނަ މެޗެއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑު ވަނީ ޓޮޓްނަމްއާ ވާދަކޮށް އަމިއްލަ ދަނޑުގައި 6-1 އިން ބަލިވެފައެވެ. މިއީ 2011 ވަނަ އަހަރު ފަހުން މެންޗެސްޓަރ ސިޓީ އަތުން މިފަދަ ނަތީޖާއަކުން ބަލިވުމަށްފަހު ބަލިވި ފުރަތަމަ ފަހަރެއެވެ.
ރޭގެ މެޗު ފަށައިގެން ޔުނައިޓެޑުން ވަނީ އެޓީމަށް ލިބުނު ޕެނެލްޓީއަކުން ލަނޑު ޖަހާ ލީޑު ނަގާފައެވެ. ޔުނައިޓެޑަށް މައްސަލަ ކުރިމަތިވީ މެޗުގެ 28 ވަނަ މިނެޓުގައި މާޝިއަލްއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.
ރޭގެ މެޗުގައި ސޮން އާއި ހެރީކޭން ޓޮޓްނަމް އަށް ދެ ލަނޑު ކާމިޔާބުކޮށްދީފައިވޭ. އަނެއް ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓަންގުއީ އެންޑޮމްބެލޭ އާއި ސާޖް އައުރިއާއެވެ. މިއީ ތިން މުބާރާތެއްގައި ޓޮޓްނަމުން 11 ދުވަސް ތެރޭގައި ކުޅުނު ފަސް ވަނަ މެޗެއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވެސްޓް ހޭމް ވަނީ ލެސްޓަ ސިޓީގެ މައްޗަށް 3-0 އިން ކުރި ހޯދާފައެވެ. ވުލްވްސް ފުލަމްގެ މައްޗަށް 1-0 އިން ކުރި ހޯދިއިރު ސައުތެމްޓަން ވަނީ ވެސްޓް ބްރޮމްގެ މައްޗަށް 0-2 އިން ކުރި ހޯދާފައެވެ.