އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީއާރް.ސީން އައުޓްޑޯ ކެމްޕޭނެއް ފަށައިފިއެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގައި ފެށި މި ކެމްޕޭނަކީ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ހަރަކާތެއްކަމަށް އެމްއެމްޕީއާރުސީން މަޢުލޫމާތުދެއެވެ.
މި ކެމްޕެއިން ކުރިއަށްދާނީ 2 މަސް ދުވަހުގެ މުއްދަތަކަށްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މި ކެންޕެއިންގެ ތެރެއިން ލަންޑަންގެ އެންމެ މަގުބޫލު އަދި އެންމެ ބާރުބޮޑު ސަރަޙައްދުތަކުގައި ދިވެހިރާއްޖޭގެ އިޝްތިހާރުކުރުމުގެ ހަރަކާތްތައް ހިންގާނެއެވެ. އެގޮތުން ކެންސިންގްޓަން ރޯޑްސައިޑްއާއި ވެސްޓްފިލްޑް ލަންޑަން މޯލްއާއި ލިވަޕޫލް ސްޓްރީޓް ސްޓޭޝަންއާއި ބްލެކްފްރިއާސް ސްޓޭޝަން ހިމެނެއެވެ. އަދި ވޯޓާލޫ ސްޓޭޝަންފަދަ ބައެއް މަޝްހޫރު ސްޓޭޝަންތަކުގައި ބަހައްޓާފައިވާ ޑިޖިޓަލް ސްކްރީންތަކުގައި ދިވެހިރާއްޖޭގެ ހިތްގައިމު މަންޒަރުތައް ދައްކައި، އިޝްތިހާރުކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. ވޯޓާލޫ ސްޓޭޝަންގައި ހުންނަ ޑިޖިޓަލް ސްކްރީނަކީ މުޅި ޔޫރަޕްގައި ވެސް ހުރި އެންމެ ބޮޑު އިންޑޯ ޑިޖިޓަލް ސްކްރީނެވެ.
މި ކެމްޕެއިން ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަޤްސަދަކީ ކޯވިޑް19އަށް ފަހު ފަތުރުވެރިންނަށް ދިވެހިރާއްޖެ އަކީ ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރަން ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް، މިފަދަ ދަނޑިވަޅެއްގައި ޗުއްޓީ ހޭދަކުރުމުގައި ބޭނުންވާ ރައްކާތެރިކަމާއި ސިއްހީ ސަލާމަތްތެރިކަން ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމަކުން ނޫނީ ނުލިބޭނެކަން ބުނެދިނުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ދުރު ރާސްތާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަކީވެސް ކެންޕެއިންގެ މަޤްސަދެއްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
ކޯވިޑް19 ގެ ކުރިން އިނގިރޭސިވިލާތަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުން ދިޔަ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ރާއްޖޭގެ ބޯޑަރު މާރޗްމަހު ބަންދުކުރުމާ ހަމައަށް އިނގިރޭސިވިލާތުން 7288 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. ބޯޑަރ ހުޅުވާލި ފަހުން، މިދިޔަ މަހުގެ ނިޔަލަށް 1587 ފަތުރުވެރިން ޒިޔާރަތްކޮށް، ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުގެ ގޮތުގައި އިނގިރޭސިވިލާތް ވަނީ ހިމެނިފައެވެ.