އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑުގައި ހޯދަން ބޭނުންވި ހުރިހާ ކާމިޔާބެއް ލިބުނުކަމަށް އެޓީމުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.
ޕްރިމިއަރ ލީގުގައި ކުރީގެ ޓީމު މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ޓޮޓްނަމްގެ ކޯޗު މޮރީނިއޯ ބުނީ އޭނާ ކޯޗަކަށް ހުރި އެއްވެސް ކުލަބެއްގައި އޭނާއާ މައްސަލަ ދިމާނުވާކަމަށާއި އޭނާ އެކުލަބެއްގައި މަސައްކަތް ކުރަނީ ކުރެވުނު އެންމެ ރަނގަޅަކަށް ކަމަށެވެ. އޭނާ ކާމިޔާބު ހޯދާފައިވާނީ ހޯދޭ ފެންވަރުން ކަމަށާއި ކާމިޔާބު ނުކުރެވޭނެ ކަމެއް ކާމިޔާބު ކުރަން ދުވަހަކުވެސް އޭނާ މަސައްކަތް ނުކުރާކަމަށެވެ.
މޮރީނިއޯ ބުނީ މި މެޗާ ކުރިމަތިލުމުގެ ކުރިން ޓޮޓްނަމުން 22 ދުވަސް ތެރޭގައި 8 މެޗު ކުޅެފިކަމަށާއި މިވަގުތައް ބަލާއިރު ޓީމުގައި އެއްވަރަކަށް މަސައްކަތް ކުރާ ކުޅުންތެރިން ގިނަކަމަށެވެ. ކޮންމެ މެޗެއްގައި އަބަދު އެއް ކުޅުންތެރިންތަކަކަށް ފުރުސަތު ނުދެވިދާނެކަމަށާއި އޭނާގެ ބޭނުމަކީ ޓީމުގެ ތިބި ހުރިހާ ކުޅުންތެރިން ހިތްހަމަޖައްސައިދީ ރަނގަޅު ނަތީޖާތަކެއް ހޯދުން ކަމަށް ކުރިން ރެއާލް މެޑްރިޑާއި އިންޓަ މިލާނަށް ވެސް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ. މިހާރު ޓޮޓްނަމަކީ ބޮޑު ކުލަބެއް ކަމަށާއި ޓޮޓްނަމް ދެން އަބަދުވެސް އޮންނާނީ ބޮޑު ކުލަބެއްގެ ގޮތުގައި ކަމަށް ޗެލްސީއަށް ތިން ފަހަރު ލީގު ތަށި ހޯދައިދިން ކޯޗު ބުންޏެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓްނަމް މިހާތަނަށް ކުޅުނު ތިން މެޗުން އެޓީމު ވަނީ ހަތަރު ޕޮއިންޓް ހޯދާފައެވެ. ޔުނައިޓެޑު ލީގުގައި ކުޅުނު ދެ މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.