އިނގިރޭސި ލީގު ކަޕުގައި އާސެނަލް އަތުން ބަލިވީ 90 މިނެޓުގެ ތެރޭގައި ލަނޑު ނުޖެހުމުން ކަމަށް ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ މުޅި މެޗުގައި ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަކަމަށާއި ހަމައެކަނި މަދުވީ ލަނޑު ނުޖެހުންކަމަށެވެ. އޭނާ ބުނީ ޕެނަލްޓީގައި ނަތީޖާ ކޮންމެ ގޮތަކަށްވެސް ގޮސްދާނެކަމަށާއި މެޗުގައި ފެނިގެންދިޔައީ އެކަންކަމަށެވެ. މެޗުގައި ވަކިވަކި ކުޅުންތެރިންގެ ހުނަރުވެރި މޮޅުކުޅުން ފާހަގަވިކަމަށާއި އެހެންނަމަވެސް އެންމެފަހު ޕާހުގައި ލިވަޕޫލަށް ކޮންމެ ފަހަރަކުވެސް މައްސަލަތައް ކުރިމަތިވިކަމަށް ކްލޮޕް ބުންޏެވެ.
އޭނާ ބުނީ މެޗުގައި ނަތިޖާ ބަދަކޮށްލުމަށް މާގިނަ ފުރުސަތަތަކެއް ނުލިބުނު ކަމަށާއި ދެޓީމަށް ވެސް ލިބުނީ ހަމަހަމަ ފުރުސަތެއްކަމަށެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި އަންނަ އާދީއްތަ ދުވަހު ލިވަޕޫލް ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.