ސިޔާސީ ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކަނޑައަޅައި، އެކަން ސިޔާސީ ޕާޓީތަކުގެ އަސާސީ ޤަވާއިދުގައި ބަޔާންކުރަން ލާޒިމުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަން ފެންނަ އިޞްލާޙުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނާނެ އިޞްލާޙުތަކާއި ގުޅޭގޮތުން ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ މަޝްވަރާތައް ފައްޓަވާފައެވެ. މި މަޝްވަރާތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ޕާޓިތަކުގެ ދަރަނީގެ މައްސަލަ ވަރަށް ބޮޑު މައްސަލައަަކަށްވެފައި ވާކަމަށާއި، ޕާޓީތަކަށްވެސް އެކަމުގެ އުނދަގޫތައް ކުރިމަތިވަމުން އަންނަކަމަށެވެ. ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓިތަކުގެ ލީޑާޝިޕް ބަދަލުވަާއިިރު އެޕާޓިތަކުގެ ދަރަނި ހާމަކުރަންޖެހޭނެ ގޮތަށާއި، ކޮންމެ އަހަރަކު ހުށައަޅާ އަހަރީ ރިޕޯޓްގައިވެސް އެޕަޓީއެއްގެ އޮތް ދަރަނި ހާމަކުރަންވެސް އައު އިޞްލާހުތަކުން ލާޒިމްކުރާނެކަމަށެވެ.
"މި މައްސަލައިގައި އަދިވެސް ސިޔާސީ ޕާޓީތަކާއިއެކު މަޝްވަރާކުރަމުންދާނަން. އަސާސީ ޤަވާއިދުގައި ޕާޓީގެ ދަންޏަށް ޒިންމާވާނެ ފަރާތެއް ނުވަތަ ޒިންމާވާނެ ގޮތެއް ކަނޑައަޅާފައޮތުން އެއީ ލާޒިމްކަމެއްކަމށް ހެދުމަށް ޤާނޫނު އެބަލާޒިމްކުރޭ. އަދި ކޮންމެ ލީޑާޝިޕެއް ބަދަލުވާއިރު، އެއްލީޑާޝިޕް އައިސްގޮސް އަނެއް ލީޑާޝިޕަށް ބަދަލުވާއިރުގަ އެޕާޓިގެ ދަރަނި ހާމަކުރަންޖެހޭނެކަމަށް. އަދި ކޮންމެ އަހަރަކު ހުށައަޅާ އަހަރީ ރިޕޯޓްގައިވެސް އެޕާޓިއެއްގެ ދަންނެއް އޮތްކަމަށްވާނަމަ އެދަންޏެއް ހާމަކުރަންޖެހޭނެކަމަށް. ބައެއް ޕާޓީތަކުން ދަންނޭއް އޮތްކަން ުވަތަ ނެތްކަން ހާމަކުރަނީވެސް ލީޑާޝޕް ބަދަލުވުމުން އެތައް ދުވަހެއްވާފަހުންނޭ އެބިލްތަކާއެއްޗެހި ފޮނުވަނީ. އެކަމަށް ހައްލެއް ގެނައުމަށްވެސް މިކަމުގައި ހިމެނުމަށް ސިޔާސީ ޕާޓީތަކުން މަޝްވަރާއައި." އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.
ސިޔާސީ ޕާޓިތަކުގެ ޤާނޫނު މިހާރު އޮންނަގޮތުން އެޕާޓިއެއްގެ ދަރަންޏާއި މެދު ޒިންމާވާނެ ފަރާތެއް ބަޔާންކޮށްފައެއް ނުވެއެވެ. މިހާރު ޤާނޫނުގައި ބަޔާންކޮށްފައި ވަނީ ޕާޓިއެއް އުވާލާހިނދު އެޕާޓީގެ އެއްވެސް ދަރަންޏެއް އޮތްނަމަ އެޕާޓިގެ ނަމުގައި މިލްކްކޮށްފައިވާ ބިންބިމާއިި ޢިމާރަތްކޮށްފައިވާ ތަންތަނާއި އެންމެހާ މުދާ ވިއްކުމުން ލިބޭފައިސާ ފުރަތަމަ ބޭނުންކުރަން ވާނީީ އެދަރަންޏެއް އަދާކުރުމަށް ކަމަށެވެ.
ރޭގެ ޕްރޮގްރާމްގައި ޝަރީފް ވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް މަސައްކަތްކުރައްވާތާ ގިނަ ދުވަސްތަކެއްވެފައި ވާކަން ފާހަގަކުރައްވާފައެވެ. އަދި ސިޔާސީ ޕާޓީތަކުން ހުށައަޅާ ހުށައެޅުންތަކަށް ރިޔާއަތްކޮށް ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަ އިޞްލާހުތަކުގެ ފައިނަލް ޑްރާފްޓް އަންނަ މަހުގެ ތެރޭގައި ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުއްވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.