ކުޅިވަރު

އެސްޓަން ވިލާއަށް ފަސޭހަ މޮޅެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި ފުލަމް ފަސޭހަކަމާއެކު ބަލިކޮށް އެސްޓަން ވިލާއިން ލީގުގައި ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.

ފުލަމްއާ ވާދަކޮށް އެސްޓަން ވިލާއިން މެޗު ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި އެސްޓަން ވިލާއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ގްރީލިޝް ، އަވަރިހާނޭގެ އިތުރުން މިންގްސްއެވެ. އެސްޓަން ވިލާވަނީ އެޓީމު މިހާތަނަށް ލީގުގައި ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްފައެވެ. މި މޮޅާއެކު މިދިޔަ ސީޒަނުގެ ހަ މެޗާއެކު އެޓީމުން ވަނީ ލީގުގައި ބަލިނުވެ މިހާތަނަށް 8 މެޗު ކުޅެފައެވެ.

ލީގުގެ ފުރަތަމަ ތިން މެޗު ނިމުނުއިރު ފުލަމްގެ ގޯލަށް ވަނީ 10 ލަނޑު ވަދެފައެވެ. މިއީ މިސީޒަންގައި ވެސްޓްބްރޮމް ފުރަތަމަ ތިން މެޗުން ބައިކޮޅަށް ވަތް ލަނޑުގެ އަދަދަށް ވުރެ އެއް ލަނޑު މަދު އަދަދެކެވެ. ވެސްޓްބޮރޮމްގެ ގޯލަށް ތިންމެޗުން ވަނީ 11 ލަނޑު ވަދެފައެވެ.

ރޭ ހޯދި މޮޅާއެކު އެސްޓަން ވިލާ އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ. ފުލަމް ހިމެނެނީ ލީގުގެ މިފަހަރު ކުޅުނު ތިން މެޗުން ވެސް ހަމައެކަނި ޕޮއިންޓެއް ނުލިބޭ ދެވަނަ ޓީމަށެވެ. ޕޮއިންޓެއް ނުލިބި ތާވަލުގައި ފުލުގައި ފުލަމް އޮތްއިރު އެޓީމަށް ވުރެއް ކުރީގައި ނަވާރަ ވަނައިގަ އޮތީ ކުޅުނު ތިން މެޗުންވެސް ބަލިވި ޝެފީލްޑް ޔުނައިޓެޑެއެވެ.