ފަތުރުވެރިކަން އަލުން ފެށުމަށްޓަކައި ދުނިޔޭގެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލްތަކުންވެސް ރާއްޖެއިން އަމަލުކުރަމުންދާ ގޮތް ބަލަމުންދާކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބް މުހައްމަދު ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް ބޯޑަރ މައިލްސް" އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބް މުޙައްމަދު ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިނަމަވެސް ރާއްޖެއާ ވާދަވެރި ގިނަ މަންޒިލްތައް އަދިވެސް ފަތުރުވެރިންނަށް ހުޅުވާނުލާކަމަށެވެ.
ތައްޔިބް ވިދާޅުވީ ފަތުރުވެރިންނަށް ހުޅުވާނުލާ މަންޒިލްތަކުންވެސް ބޯޑަރު ހުޅުވާލާން ކުރާ މަސައްކަތުގައި ރާއްޖެއިން ފަތުރުވެރިކަން އަލުން ފެށުމުގައި ޢަމަލުކުރަމުންދާ ގޮތް ބަލަމުންދާކަމަށެވެ. އެގޮތުން މިދަނޑިވަޅުގައި ރާއްޖެއަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް އެފަރާތްތަކުން ބަލަމުންގެންދާކަމަށް ތައްޔިބް ވިދާޅުވިއެވެ.
"މުޅި ދުނިޔެ ކޯވިޑް-19އާ ހެދި ހުއްޓިފައިވަނިކޮށް ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމަކީ ނެގުނު ވަރަށް ބޯލްޑް މޫވްއެއް. މިއީ މިއަދު އަޅުގަނޑުމެންގެ ވާދަވެރި މަންޒިލްތަކުން މިކަންތައް ބަލައިގަނެ އަޅުގަނޑުމެންގެ މިމަސައްކަތުގެ ތަޖުރިބާއާއި ހުޅުވާލުމަށްފަހު އަޅުގަނޑުމެނާ ދިމާވާ މައްސަލަތަކާ ހުރި ދަތިތައް ދެނެގަންނަމުންދޭ. މިހާރު އަޅުގަނޑުމެންގެ މިޙާލަތުގައި ޢަމަލުކުރަމުންދާ ގޮތް ވަރަށް ގާތުން ބަލަމުން އެބަދޭ." ތައްޔިބް ވިދާޅުވިއެވެ.
ތައްޔިބްގެ ވާހަކަފުޅުގައި ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތްނަމަވެސް ރާއްޖެގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރިއަށްގެންދިޔަ އެއްވެސް މަސައްކަތެއް ހުއްޓާނުލާކަން ފާހަގަކުރެއްވިއެވެ. އެގޮތުން އޮންލައިން އެކި ޕްލެޓްފޯމްތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިކަމަށާއި އަދިވެސް މިހާރުވެސް ކުރަމުންދާކަމަށް ތައްޔިބް ވިދާޅުވިއެވެ.
ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަދުވަހުގައެވެ. އޭގެފަހުން މިހާތަނަށް 100 އަށްވުރެ ގިނަ ރިސޯޓާއި ސަފާރީ އަލުން ފަތުރުވެރިންނަށް ވަނީ ހުޅުވާލާފައެވެ. އަދި އަންނަމަހު ރާއްޖޭގެ ގެސްޓްހައުސްތައްވެސް ހުޅުވާލުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ރާއްޖެ އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު ކޮންމެ މަހަކު ރާއްޖެއަށް ޒިޔާރަތްކުރަމުން އަންނަ ފަތުރުވެރިންގެ ޢަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އަދި ފަތުރުވެރިންނަށް ރާއްޖެ އިޝްތިހާރުކޮށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް ސަރުކާރާއި އެމްއެމްފީއާރުސީއާއި ފަތުރުވެރިކަމުގެ ސިނާޢާތުގައި ޙަރަކާތްތެރިވާ އެކި ކުންފުނިތައް ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.