މުޖުތަމަޢުގެ ތެރޭގައި ކޯވިޑް-19 ޖެހި، އެ ބަލިން ރަނގަޅުވެފައިވާނީ ކިހާ އަދަދެއްގެ މީހުންތޯ ދެނެގަތުމަށްޓަކާ އޮކްޓޯބަރުމަހުގެ ތެރޭގައި އެންޓިބޮޑީ ޓެސްޓު ހެދުމަށް ތައްޔާރުވަމުންދާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު އެޗް.އީ.ސޯ.ސީން ވިދާޅުވެއްޖެއެވެ.
އެޗް.އީ.ސޯ.ސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ސްޓަޑީއެއްގެގޮތުގައި ނުވަތަ ދިރާސާއެއްގެ ގޮތުގައި އެންޓިބޮޑީ ޓެސްޓް ހެދުމަށް ވާންޖެހޭ ތައްޔާރީތައް އެ ސެންޓަރުން ވަމުންދާކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ސްޓަޑީ ޕްރޮޕޯސަލް ތައްޔާރުކޮށް ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހެލްތު ރިސަރޗް ކޮމެޓީއަށް ހުށަހަޅާ، އެ ޕްރޮޕޯސަލް ފާސްވެފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި އެންޓިބޮޑީ ޓެސްޓް ހެދުމަށް އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، މުޖުތަމަޢުގެ ތެރޭގައި ކޯވިޑް-19 އަށް އެކްސްޕޯޒްވެފައިވާ މީހުންގެ އިންސައްތަ ދެނެގަތުމަށް ކުރިއަށްގެންދާ މި ސްޓަޑީއަކީ ނުވަތަ ދިރާސާއަކީ ވަރަށް ބުރަ މަސައްކަތެއްކަމަށެވެ. އަދި މި މަސައްކަތް އަންނަ އޮކްޓޯބަރުމަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކޯވިޑް-19 ގެ އެންޓިބޮޑީ ޓެސްޓަކީ ކޯވިޑް-19ގެ ސަރވައިލެންސް އެންޑް ރެސްޕޯންސްގެ ދަށުން މިވަގުތު ހަދަން ކަނޑައަޅާފައިވާ ޓެސްޓެއްނޫންކަމަށާއި، އާއްމުންގެ މެދުގައި ކޯވިޑް-19 ގެ އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް ހެލްތު މިނިސްޓްރީން ވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައި އަންގާފައެވެ. ކޯވިޑް-19 ދެނެގަތުމަށް ކުރާ ޓެސްޓެއް ކަމުގައި ކަނޑައަޅާފައިވަނީ ޕީ.ސީ.އާރް ޓެސްޓްކަމަށާއި، ޕީ.ސީ.އާރު ޓެސްޓު ހެދޭނީ ނެޝެނަލް ލެބޯޓްރީ ނިޒާމުގެ ތެރެއިން ކަނޑައަޅާ ފެންވަރާއި މިންގަނޑުތަކާ އެއްގޮތަށް އެކަމަށް ތަމްރީނު ލިބިފައިވާ ފަރާތްތަކުންކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ރާއްޖޭގައި ކޯވިޑް-19 އަށް ޕީ.ސީ.އާރު ޓެސްޓް މިހާރު ހަދަމުންދަނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލުތަކުގެ ލެބޯޓްރީތަކުގައާއި، މި ޓެސްޓް ހެދުމަށް މިނިސްޓްރީ އޮފް ހެލްތުގައި ރަޖިސްޓްރީކޮށްފައިވާ ލެބޯޓްރީތަކުގައެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ، އެންޓިބޮޑީ ޓެސްޓް ހަދަންޖެހިއްޖެ ހާލަތެއްގައި ހުއްދަދެވޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހަމަޖައްސާ އުޞޫލެއްގެ މަތިންކަމަށެވެ. އަދި ރިސާރޗް ބޭނުމަށް މިފަދަ ޓެސްޓު ހަދާނަމަ، އެ މިނިސްޓްރީގެ ނެޝެނަލް ހެލްތު ރިސާރޗް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށްދިއުމަށް ހެލްތު މިނިސްޓްރީން ވަނީ އަންގަވާފައެވެ.