ގދ. ހޯނޑެއްދޫގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 45އަށް އަރައިފިއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ބުދަ ދުވަހު އެރަށުން ޕޮޒިޓިވްވި މީހާއާއެކު ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު 45އަށް އިތުރުވެފައިވާކަމަށެވެ. އަދި މި 45 މީހުންގެ ތެރެއިން 32 މީހަކު ބަލިން ފަސޭހަވެފައިވާކަމަށާއި، އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު ރަށުގައި ތިބީ 13 މީހުންކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ހޯނޑެއްދޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޚާއްސަ ފަރުވާ ބޭނުންވާ 2 މީހަކަށް ގއ. ވިލިނގިލީ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދާކަމަށެވެ. އަދި މިހާތަނަށް 230 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވި ކަރަންޓީން ކޮށްފައިވާކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. މިއަދުވެސް އެ ރަށުގައި ހަރަކާތްތެރިވާ މެޑިކަލް ޓީމްތަކުން ހޯމް ވިޒިޓްކޮށް، ބަލީގެ ޢަލާމަތްތައް ހުރި ބައެއް މީހުން ފެނިފައިވާތީ އެމީހުންގެ ސާމްޕަލްތައް ނަގާފައިވާކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ގދ. ހޯނޑެއްދުއަކީ ގްރޭޓަރ މަލޭ ސަރަޙައްދު ފިޔަވާ، އަތޮޅުތަކުގެ ރަށަކުން އެންމެ ގިނަ ޢަދަދެއްގެ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވި ރަށެވެ. ގދ. ހޯޑެއްދޫގައި ބޮޑު ކްލަސްޓަރއެއް އެފެދުނީ ސެޕްޓެމްބަރު 4 ގައި އެރަށުން ޕޮސިޓިވްވި 2 މީހުންގެ ކޮންޓެކްޓުންގެ ތެރެއިންނެވެ. މި ކްލަސްޓަރގެ ތެރެއިން އެކަނިވެސް ޖުމްލަ 40 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި މި ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި 200 އަށްވުރެ ގިނަ މީހުން އެރަށުގައި ތިބިކަމަށް އެޗް.އީ.އޯ.ސީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ހޯނޑެއްދޫއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ގިނަ ބަޔަކު އަންނަނީ ބަލިން ފަސޭހަވަމުންނެވެ. އެޗްއީއޯސީން ހާމަކޮށްފައިވާގޮތުގައި އެރަށުގެ %6 ގެއިން ކޯވިޑް-19ގެ ޕޮސިޓިވް ކޭސްތައް ފެނިފައިވެއެވެ. އަދި %19 ގޭގައި ބަލިމީހާއާއި ކޮންޓެކްޓްވި މީހުން އެބަތިއްބެވެ. ހޯނޑެއްދޫ އަދިވެސް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ.