ކަނޑުމަހުގެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންއާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއާއެކު މަޝްވަރާކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އަންނަނީ މަސްވެރިކަމުގެ އެކި މެނޭޖްމަންޓް ޕްލޭންތަކަށް ކަމާގުޅުންހުރި ފަރާތްތަކާއި އާންމުންގެ ހިޔާލު ހޯދަމުންނެވެ. އެގޮތުން ކަނޑުމަހުގެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންއަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ހިޔާލު ހޯދުމަށް އެ ޔޫނިއަންގެ މެންބަރުންނާއިއެކު އިއްޔެ ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އައިމިނަތު ލުބްނާ ވިދާޅުވީ، އެ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކުރީ ޖޫރިމަނާތަކާއި ލައިސަންސް ނެގުމާއި ގުޅޭގޮތުންކަމަށެވެ. ކުރިން ލައިސަންސް ނަގަމުންދިޔައީ އުޅަނދުގެ ސައިޒަށް ބަލައިގެންނެވެ. ނަމަވެސް ދެން ލައިސަންސް ނަގާނީ އެ އުޅަނދަކުން ކުރާ މަސްވެރިކަމަށް ބަލައިގެންނެވެ. ލުބްނާ ވިދާޅުވީ، މިކަން އޮތްގޮތް މިނިސްޓްރީގެ ފަރާތުން ތަފްސީލްކޮށްދިނުމުން މިހާރު އެ ފަރާތްތަކަށް މިކަން އޮންނަގޮތް ސާފުވެފައިވަކަމަށެވެ.
"އެކޮޅުން ބޮޑަށް ކަންބޮޑުވުން ހުރީ ޖޫރިމަނާތަކާއި ލައިސަންސްއާއި ބެހޭގޮތުން. ކުރީގައި އަޅުގަނޑުމެން ލައިސަސްން ނަގަމުންދިޔައީ އުޅަނދުގެ ސައިޒަށް ބަލައިގެން. ބައެއް ދޯނިތަކުން ކުރާނީ އަތުނަނުގެ މަސްވެރިކަމާއި ދޮށީގެ މަސްވެރިކަމާއި، އަނެއްބައި ދޯނިތަކުން ހަމައެކަނި އަތުނަނުގެ މަސްވެރިކަން ނުވަތަ ހަމައެކަނި ދޮށީގެ މަސްވެރިކަން ކުރާނީ. އެގޮތަށް މިފަހަރު އަޅުގަނޑުމެން މީނީ ގިންތިކޮށްފައި. އެގޮތަށް ގިންތިކުރީމަ އަސްލު މިހާރު ކުރީގައި ނަގަމުންދިޔަ ވަރަށްވުރެ ލައިސަންސް ފީ ކުޑަވަނީ. ކޮންމެވެސް ވަރަކަށް މަސްވެރިންނަށްވެސް އޮޅިފައި އިންހެން ހީވަނީ މި އިޝޫ ރެއިސްކުރީ. އެކަމަކު މިހާރު ކިޔާދިނީމަ އެކޮޅަށް އަންޑަސްޓޭންޑްވެއްޖެ." ލުބްނާ ވިދާޅުވިއެވެ.
ޤާނޫނުގައި މަނާކަމެއް ކުރާނަމަ ޖޫރިމަނާ ހިމަނަން ޖެހޭކަމަށާއި، ނަމަވެސް ޖޫރިމަނާ ހިމަނާފައި ހުންނަނީ ވީހާވެސް ބޮޑަށް މަސްވެރިންނަށް ދަތި ނުވާނެ ފަދަ ގޮތަކަށް ބަލައިގެންކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
މަސްވެރިކަމުގެ ހުރިހާ މެނޭޖްމަންޓް ޕްލޭނެއް ބަންޑާރަ ނައިބުގެ ލަފަޔަކަށް އެދި ފޮނުވާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އެ މިނިސްޓްރީއަށް މިހާރު އަނބުރާ 3 ޕްލޭން ވަނީ ލިބިފައެވެ. އެއީ ހިބަރު މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންއާއި، ފާނަ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންއާއި ހުއިފިލަނޑާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންއެވެ.