ކޯވިޑް 19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ޗައިނާގެ ބައިވެރިވުން މުހިންމުކަމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ 71 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ވާޗުއަލްކޮށް ބޭއްވި ރިސެޕްޝަނުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ކޯވިޑް 19 ގެ ސަބަބުން ދިމާވެފައިވާ އިޤްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުންތައް އަލުން ފަށައިގަންނަން ޖެހިފައިވާ ކަމަށެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ މިހާލަތުގައި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު މަސައްކަތަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ކުރުން ކަމަށެވެ. މިމަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ އެއްޤައުމަކީ ޗައިނާކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ، ރާއްޖެ އާއި ޗައިނާގެ ދަތުރުފަތުރުގެ ގުޅުން އަލުން ފަށައިގަތުމާއެކު، ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.
ޗައިނާއާއި ރާއްޖޭގެ ގުޅުމަށް މިއަހަރު 48 އަހަރު ފުރިގެންދާއިރު މިނިސްޓަރ ޝާހިދު ވިދާޅުވީ، ދެޤައުމުގެ ގުޅުމަކީ ތާރީޚީ ގުޅުމެއް ކަމަށާއި، މިގުޅުން މިހާރަށްވުރެވެސް ވަރުގަދަ ކުރުމަށް ބޭނުންވާކަމަށެވެ. އެހެންކަމުން މި ސަރުކާރުން "ވަން ޗައިނާ ޕޮލިސީ" ދަމަހައްޓަވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.
މިނިސްޓަރ ވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ޗައިނާއިން ފޯރުކޮށް ދެމުންދާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކޯވިޑް-19 ގެ ވެކްސިން ހޯދުމަށް ޗައިނާއިން ކުރައްވާ މަސައްކަތް ކާމިޔާބުވެ ވެކްސިނެއް ލިބިއްޖެ ހާލަތުގައި ވެކްސިން ރާއްޖެއަށް ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.