ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޑޫ ސިޓީ މަރަދޫ ޒެފެއަރ، އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ އާއި މާލެއަތޮޅު ދިއްފުށީ ސްވީޓްމީޑް، އަލްއުސްތާޛު ޙަސަން ޝަފީޢު އައްޔަންކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.
ޖޭއެސްސީން ވިދާޅުވީ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނާއި ގުޅިގެން ހައިކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"ން ސްކްރީންކޮށް، އިންޓަވިއުކުރުމަށްފަހު އެކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގެ ތަރުތީބުން، އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ "ހައިލީ ރިކޮމެންޑް" ކޮށްފައިވާކަމަށެވެ. އަދި އެލިސްޓުގައި "ރިކޮމެންޑް" ކޮށްފައިވާ ބޭފުޅަކީ އަލްއުސްތާޛު ޙަސަން ޝަފީޢުކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އެ ދެބޭފުޅުން ޢައްޔަންކުރުމަށް ފެންނަކަމަށް ނިންމާފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.
މި ދެބޭފުޅުންގެ ތެރެއިން އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާއަކީ އައްޑޫސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމު މިހާރުވެސް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާއަކީ ޤާނޫނީ ރޮނގުން މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ (އޮނަރސް) އަދި މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޤާނޫނީ ވަކީލުކަމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރުހީޒާއަކީ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން، މިދާއިރާއިން ކިޔަވާދިނުމުގެ ތަޖުރިބާވެސް ހުރި ބޭފުޅެކެވެ.
އަލްއުސްތާޛު ޙަސަން ޝަފީޢުއަކީ ޤާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗްލަރ އޮފް ލޯ(އެލް.އެލް.ބީ) އަދި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ފެމެލީ ކޯޓުގައާއި ސިވިލް ކޯޓުގައި މަސައްކަތްކުރައްވަމުން ގެންދަވާ އަލްއުސްތާޛު ޙަސަން ޝަފީޢުއަކީ ޤާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. މިދާއިރާއިން ކިޔަވާދިނުމުގެ އިތުރުން ޤާނޫނުތައް ޑްރާފް ކުރެއްވުމުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.