ކުޅިވަރު

މައްސަލައަކީ ލަނޑު ނުޖެހުން: ޒިދާން


ރެއާލް މެޑްރިޑަށް ދިމާވާ ހަމައެކަނި މައްސަލައަކީ ލަނޑު ނުޖެހުން ކަމަށް އެޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ލަލީގާގެ ހުސްވި ސީޒަންގެ ޗެމްޕިއަން މެޑްރިޑުން މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗު ރެއާލް ސޮސެއިޑާޑް އަތުން ލަނޑެއް ނުޖެހި އެއްވަރުވުމުން ޒިދާން ބުނީ އެއްގޮތަކަވެސް އޭނާ ރާވާފައިވާ ގޮތްތައް ބަދުލުކުރުމުގެ ވިސްނުމެއް ނެތްކަމަށެވެ. ގިނަ ކުޅުންތެރިންނަށް ފުރުސަތު ދެވެން އޮތްވާ އެކަން ދޫކޮށްލާ ކަމަށާއި އެޓީމުން އެކަން އެގޮތައް ކުރިކަމަށް ޒިދާން ބުންޏެވެ.

ޒިދާން ބުނީ ރެއާލް މެޑްރިޑުން މެޗުތަކުގައި ވާދަކުރާނީ ތިން ޕޮއިންޓު ހޯދުމުގެ އަޒުމުގައި ކަމަށާއި އެކަމަކު މެޗުން ގެއްލިގެން މި ދިޔައީ ދެ ޕޮއިންޓު ކަމަށެވެ. މެޗުގެ ދެވަނަ ހާފައި އަޅާބަލާއިރު ފުރަތަމަ ހާފްގައި ކޮންމެވެސް ވަރަކަށް ޓީމުން ފުރުސަތުތައް ތަނަވަސް ކުރިކަން ރަށުން ބޭރުގައި މެޑްރިޑު ކުޅުނު މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ.

އޭނާ ބުނީ މީއީ އަދި ލީގުގެ ފުރަތަމަ މެޗުކަމަށާއި އަދި އެހެންކަމުން ހާސްވާވަރުގެ ކަމެއް ދިމާނުވާކަމަށެވެ. މިމެޗަށް ތައްޔާރުވުމަށް މުޅި ޓީމަށް އެއްކޮށް ލިބުނީ ހަފްތާއެއްގެ ތަމްރީން ކަމަށް ވެސް ރެއާލް މެޑްރިޑުގެ ކޯޗު ބުންޏެވެ. މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ އެޓީމުގެ ޑިފެންޑަރުންކަމަށް ޒިދާން ބުންޏެވެ. ޒިދާން ބުނީ ކުރިޔަށް ހުރި މެޗުތަކުގައި ޓީމުގެ އެޓޭކް ވަރުގަދަވާނެ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު ރެއާލުން ލީގުގައި ނުކުންނާނީ ރަށުން ބޭރުގައި ރެއާލް ބެޓިސްއާ ދެކޮޅަށެވެ.