ވިޔަފާރި

"މޯލްޑިވްސް ވަރޗުއަލް ޓުއަރ އެކްސްޕޯ" ބާއްވަނީ


ވަރޗުއަލްކޮށް ރާއްޖެ އިޝްތިހާރުކުރުމަށް "މޯލްޑިވްސް ވަރޗުއަލް ޓުއަރ އެކްސްޕޯ" ބާއްވަން ތައްޔާރުވެއްޖެއެވެ.

މޯލްޑިވްސް ވަރޗުއަލް ޓުއަރ އެކްސްޕޯއަކީ ފަތުރުވެރިންނަށް އަމާޒުކޮށްގެން ވާޗުއަލްކޮށް ބާއްވާ ފެއަރއެކެވެ. މި ފެއަރ މެދުވެރިކޮށް ދުނިޔޭގެ އެކި ހިސާބުތަކުން 100 މިލިއަން ފަތުރުވެރިންނަށް ރާއްޖެ އިޝްތިހާރުކުރުމަކީ އަމާޒެއްކަމަށް އިވެންޓް އިންތިޒާމްކުރާ އޯރކާ މީޑިއާއިން ބުނެއެވެ.

ވާޗުއަލްކޮށް ރާއްޖެ އިޝްތިހާރުކުރާއިރު ބޭނުންކުރާ ފޮޓޯއާއި ވީޑީއޯތައް ނަގާފައިވާގޮތުން، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރިނަމަވެސް އެ ރިސޯޓެއް ނުވަތަ ގެސްޓްހައުސްއެއްގެ މަންޒަރުތައް ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ވަރޗުއަލް ޓުއަރ އެކްސްޕޯ ބާއްވަނީ ފަތުރުވެރިން ރާއްޖެ އައުމުގެ ކުރިން އެމީހުންނަށް ރާއްޖޭގެ ރީތި މަންޒަރުތައް ދައްކާލުމުގެ ބޭނުމުގައެވެ. މި ފެއަރ މެދުވެރިކޮށް ރާއްޖެއާބެހޭ ގިނަ މަޢުލޫމާތުތަކެއް އެއް ޕްލެޓްފޯމަކުން ބަލާލުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބިގެންދާނެކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

ހަފްތާއެއްގެ މުއްދަތަށް ފެއަރ ކުރިއަށްދާއިރު ފެއަރގައި އިންޓަރެކްޓިވްކޮށް ކުރިއަށްދާ ތަފާތު ގޭމްތައް ހުންނާނެއެވެ. އަދި ވަރޗުއަލް ޓުއަރގައި ބައިވެރިވާ ފަރާތްތަކަށް އަގުހުރި އިނާމުތައް ލިބިގެންދާނެކަމަށް އޯރކާ މީޑިއާއިން ބުނެއެވެ. މި ހަރަކާތުގައި މިހާރުވެސް ގިނަ އަދަދެއްގެ ރިސޯޓްތަކަކުން ބައިވެރިވެފައިވާކަމަށް އޯރކާ މީޑިއާ ގްރޫޕުން ބުނެއެވެ.