ޚަބަރު

ޒިޔާދާގެ މަރުގެ މައްސަލައިގައި ޝާހުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ


ފިރިމީހާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތަކަށް، ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި ޒިޔާދާގެ ފިރިމީހާ އެރަށު ޖަވާހިރުމާގޭ ދެކުނުބައި އިބްރާހީމް ޝާހުގެ މައްޗަށް އުފުލި ދަޢުވާގެ އިސްތިއުނާފީ އަޑުއެހުމެއް ހައިކޯޓުގައި މާދަމާއަށް ތަވާލުކޮށްފިއެވެ.

މިޝަރީޢަތުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާ މެންދުރު އެއްގަޑި ތިރީހަށެވެ.

ޝާހު ޒިޔާދާ އާއި ގަދަކަމުން ގުޅުން ހިންގައި ދިން އަނިޔާތަކަށް ފަރުވާދެމުން އަންނަނިކޮށް ޒިޔާދާ ނިޔާވެފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޒިޔާދާގެ މަރާއި ގުޅިގެން ޝާހުގެ މައްޗަށް 4 ދައުވާއެއް ކުރިއެވެ. ނަމަވެސް ޝާހުގެ މައްޗަށް އުފުލި އެއްވެސް ދަޢުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 21 ވަނަ ދުވަހުއެވެ.

ޝާޙުގެ މައްޗަށް ދަޢުލަތުން އެންމެ ފުރަތަމަ ކުރީ ތިން ދަޢުވާ އެކެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދަޢުވާ އާއި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދަޢުވާ އާއި މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދަޢުވާއެވެ. މި ދަޢުވާތައް ކުރި ފަހުން އޭނާގެ މައްޗަށް ދަޢުލަތުން ވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާއެއްވެސް ކޮށްފައެވެ. ޝާހުގެ ޝަރީޢަތްތައް ފަށާފައި ވަނީ 2016ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ނަމަވެސް އޭނާގެ ހުރިހާ ޝަރީޢަތްތަކެއް ވަނީ ސިއްރު ކޮށްފައެވެ. އެ ޝަރީޢަތްތައް ސިއްރުކޮށްފައިވަނީ ބަދު އަޚްލާޤީ މައްސަލަތަކުގެ ޝަރީޢަތް ސިއްރު ކުރުމަށް ކޯޓަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.

ޒިޔާދާގެ މަރާ ގުޅިގެން 2016ވަނަ އަހަރު ފުލުހުން ވިދާޅުވެފައި ވަނީ ޑޮކްޓަރުގެ ފަރާތުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ޝާހު ޒިޔާދާއަށް ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައި ވަނީ ދެމަފިރިން ވަކިން ދިރިއުޅެނިކޮށް ކަމަށެވެ. އެ ހާދިސާއަށް ފަހު ޒިޔާދާގެ ސިއްޙީ ޙާލަތު ދަށަށް ދިޔަ ކަމަށެވެ. އެކަމާ ގުޅިގެން ދެ ފަހަރެއްގެ މަތިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަށް ޒިޔާދާ ދައްކާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޒިޔާދާގެ ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ގޮތުގައި ޒިޔާދާ ނައީމުގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ވަނީ އަނިޔާ ލިބިފައެވެ.