ހަރުމުދަލުގެ ހިސާބު ކިތާބު ބަލަހައްޓަފައި ނުވުމުގެ ސަބަބުން 169 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޞައްޙަކަން ޔަޤީންކުރެވެން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް ސޮއިކުރައްވައި ނެރުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 2017 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވޭތުވެދިޔަ އަހަރުތަކުގައި ހަރުމުދަލުގެ ރަޖިސްޓަރީ ބަލަހައްޓަމުން އައިސްފައިވަނީ މެނުއަލްކޮށް ފޮތް ތަކުގައިކަމަށެވެ. ނަމަވެސް، އެ ރަޖިސްޓަރީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ފުރިހަމައަށް ބަލަހައްޓަމުން ނުގެންދާކަން ކުރީ އަހަރުތަކުގެ އޮޑިޓުގައި ފާހަގަކުރެވި، ހަރުމުދަލާގުޅޭ ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލަފާއަރުވާފައިވާނެކަމަށް އޮޑިޓް ރިޕޯޓްގައިި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން 2017 ވަނަ އަހަރުގެ ނިޔަލަށް އެ އިދާރާގައި ހުރި ހަރުމުދާ ހިމަނައިގެން އައު ރަޖިސްޓަރީ އެއް އެކުލަވާލައި އޮޑިޓް ކުރުމަށް 16 މާރިޗު 2019 ގައި ހުށަހަޅާފައި ވީނަމަވެސް، އޮޑިޓުގައި ހަރުމުދަލާގުޅޭ ކަންކަން ބެލިބެލުމުގައި ހުށަހަޅާފައިވާ ރަޖިސްޓަރީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރެވިފައި ނުވާކަން އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.
މިކަމުގެ ސަބަބަބުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މާލީ އަހަރު 2017 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހަށް ނިންމާލިއިރު، އެއިދާރާގެ މިލްކިއްޔާތުގެ ބަޔާނުގައިވާ ޖުމްލަ ސަތޭކަ ފަސްދޮޅަސް ނުވަމިލިއަން އަށް ލައްކަ ނުވަދިހަ ހަހާސް ދުއިސައްތަ ހަތްދިހަ ފަސް ރުފިޔާގެ ސައްޙަކަން ޔަޤީން ކުރެވެން ނެތްކަން އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބެލުމުގެ ދަށުގައި ހުންނަންޖެހޭ ދައުލަތުގެ މުދާ ހަމަޔަށް ހުރިކަން ޔަޤީން ކުރެވިފައި ނުވުކަމަށާއި، މުދާ ގެއްލިފައިވިޔަސް އެކަން ފާހަގަކުރެވިފައިނުވުމުގެ ފުރުސަތު އޮތުމުގެ ސަބަބުން، ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނާފައިވާ އަދަދުތަކާއި މާލީ ބަޔާންތަކުގައި ހިމަނާފައިވާ ހަރުމުދަލުގެ އަގު ޔަޤީންކުރެވިފައި ނުވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.
އެހެންކަމުން އަލުން އެކުލަވާލައިފައިވާ ހަރުމުދަލުގެ ރަޖިސްޓަރީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާގޮތަށް، ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމެނޭ ކޮންމެ މުދަލެއްގައި މަޢުލޫމާތު ތަފްސީލްކޮށް ފުރިހަމަކޮށް މިނިސްޓްރީ އޮފް ފިނޭންސާ ހިއްސާކޮށް، ހަރުމުދަލުގެ މަޢޫލޫމާތު އަޕްޑޭޓްކުރުމަށް ވަނީ ލަފާދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި އެއިދާރާގެ ހަރުމުދަލުގެ ހިސާބު މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ބަލަހައްޓާފައިނުވާ މައްސަލައިގެ އިތުރުން، އެހެން މައްސަލައެއް ފާހަގަކުރައްވާފައެއް ނުވެއެވެ.