ކުޅިވަރު

އެކުވެނި ދުވާ ޓްރެކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފި


މާލޭގައި ގިނަބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައި، ކޮންކްރީޓް އަޅަން ފަށައިފިއެވެ.

ދުވާ ޓްރެކުގެ ކޮންކްރީޓްގެ މަސައްކަތް ފައްޓަވައިދެއްވީ ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފާއި، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ތޮލާލްގެ އިތުރުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ.

ޓްރެކުގައި އަޑިވަޅުގަނޑުހެދުމުގެ ސަބަބުން ދުވާމީހުންނާއި ކަސްރަތުކުރާ މީހުންގެ ކަންބޮޑުވުންތަށް ގިނަވެފައިވަނިކޮށް އެތަން މަރާމާތުކުރަން ޔޫތް މިިނިސްޓްރީއިން މަސައްކަތްފެށީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. މިހާރު އެ ތަނުގެ ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ޒަމާނީ ފެންވަރަށް ޓްރެކް ސަރަހައްދު ތަރައްގީ ކުރަނީ ސީއެސްއާރު މަޝްރޫއުގެ ދަށުން އާރުކޭއެލް ކުންފުނިންނެވެ.

ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކްގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އާއެވެ. މި މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކުޅިވަރު އެކުވެނީ ޓްރެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، އާރްކޭއެލްގެ ސީއެސްއާރުގެ ދަށުން ކޮންކްރީޓްގެ މަސައްކަތް ކުރަން ފަށާފައިވާއިރު އަމާޒު ޖަހާފައިވަނީ މި މަސް ނިމެންވާއިރަށް އެ މަސައްކަތް ނިންމާލުމަށް ކަމަށެވެ. މަޙްލޫފް ވިދާޅުވީ ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުވުމުން އެކަމުގެ ފައިދާ އެތަން ބޭނުން ކުރަމުން އަންނަ އެތުލީޓުންނާއި، ކަސްރަތަށް އެތަން ބޭނުން ކުރަމުން އަންނަ މީހުންނަށް ލިބިގެންދާނެ ކަމަށެވެ.

މީގެ ކުރިން ކުޅިވަރާބެހޭ ވަޒީރު ވަނީ އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށާއި ލަފާ ކުރެވޭ ގޮތުން އެ މަސައްކަތް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް ވިދާޅުވެފައެވެ.

މިހާރު އޮތް ޓްރެކުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ ޓްރެކެއް އެޅުމުގެ މަސައްކަތް ފަށާފައިވާ އިރު ކުރިން ޕްލޭންކޮށްފައި އޮތީ އެ ޓްރެކުގައި އޮތް ވެލިގަނޑު ނަގައި އެއްވަރު ކުރުމަށް ފަހު އަލުން ދުވާ ޓްރެކެއް އެތަނުގައި އެޅުމަށެވެ. އެކަމަކު މިހާރު އެތަން ބަދަލުވެގެން ދާނީ ގިނަ ކުޅިވަރުތަކެއް ކުޅެވޭ ފަދަ ސިންޓެޓިކް ޓްރެކަކަށެވެ.