ކޯވިޑް-19

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 85 މީހުން، ބަލިން ރަނގަޅުވީ 193 މީހުން


ކޯވިޑް-19އަށް އިތުރު 85 ޕޮޒިޓިވްވެ، ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 9300 އަށްވުރެ މައްޗަށް އަރައިފިއެވެ.

ހޯމަ ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 85 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 82 މީހަކާއި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން ޕޮޒިޓިވިވްވި 3 މީހެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 46 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 39 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 9328 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 193 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 7729އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 26 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 33 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1560 އަށް އަރާފައިވާއިރު، 767 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 111 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1257 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް ނެގި ޖުމްލަ ސާމްޕަލްތަކުގެ ޢަދަކީ 132،880 އެވެ.