ކޯވިޑް-19

ކޯވިޑް-19 : އިތުރު 70 މީހުން ޕޮޒިޓިވްވެއްޖެ


ކޯވިޑް-19އަށް އިތުރު 70 ޕޮޒިޓިވްވެ، ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 9243 އަށް އަރައިފިއެވެ.

އާދިއްތަ ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 70 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 65 މީހަކާއި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން ޕޮޒިޓިވިވްވި 5 މީހެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 70 މީހުންގެ ތެރެއިން 48 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 22 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 9243 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 210 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 7536 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 26 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 33 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1668 އަށް އަރާފައިވާއިރު، 834 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 105 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ މީހުންނަށް ބަލާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އައި.ސީ.ޔޫގައި 2 މީހަކަށް ފަރުވާދެމުންދާއިރު، ޕްރައިވެޓް ވޯޑް-5 ގައި 2 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 94 މީހަކަށް ވޯޑުގައި އަދި 2 މީހަކަށް އައި.ސީ.ޔޫގައި އަންނަނީ ފަރުވާދެމުންނެވެ.

އަތޮޅުތަކުގެ ރީޖަނަލް ކޯވިޑް ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންދާ މީހުންނަށް ބަލާއިރު، ށ. ފުނަދޫ ކޯވިޑް ފެސިލިޓީގައި 2 މީހަކަށާއި، ބ. އޭދަފުށީ ކޯވިޑް ފެސިލިޓީގައި އެކަކަށާއި، ގއ. ވިލިނގިލި ކޯވިޑް ފެސިލިޓީގައި 2 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މި އެންމެންނަށްވެސް ފަރުވާ ދެމުންދަނީ ވޯޑުގައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1267 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް ނެގި ޖުމްލަ ސާމްޕަލްތަކުގެ ޢަދަކީ 131،623 އެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 21 ރަށަކުންނާއި، 32 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. މީގެ ތެރޭގައި ޕޮޒިޓިވްވެފައިވާ 22 ފަތުރުވެރިއަކާއި، 50 ރިސޯޓް މުއައްޒަފުން ހިމެނެއެވެ. މިވަގުތު އަތޮޅުތަކުގައި 57 ދިވެއްސަކަށާއި، 15 ބިދޭސީންނަށް ބަލި ޖެހި ފަރުވާދެމުންދާއިރު، މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫއާއި، ގދ. މަޑަވެލި އަދި ނ. މަނަދޫއެވެ.