ކޯވިޑްގެ މުއްދަތުގައި ބީއެމްއެލްއިން 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެއްޖެއެވެ.
ކޯވިޑްގެ މުއްދަތުގައި ބޭންކުން ރާއްޖޭގެ އިގްތިސާދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން ޓިމް ސޯޔަރ ވިދާޅުވީ، ކޯވިޑް19ގެ މި ހާލަތުގައި ވިޔަފާރިތަކަށް އެހީވުމަށް ބީއެމްއެލްއިން މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން ޓުއަރިޒަމް ޞިނާޢަތަށް ދިމާވެދާނެ ނުރައްކަލުން އަރައިގަތުމަށް ބޭންކުން އިސްނަގައިގެން ކުރުމުއްދަތުގެ ފެސިލިޓީއެއް ތަޢާރަފްކޮށްފައިވާކަމަށް ޓިމް ވިދާޅުވިއެވެ. އަދި މި ފެސިލިޓީ މެދުވެރިކޮށް ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް 2 މިލިއަން ޑޮލަރާއި ހަމައަށް ފައިނޭންސް ކޮށްދެވޭނެކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.
މިދިޔަ އޮގަސްޓްގެ ނިޔަލަށް ޝޯޓް ޓަރމް ފައިނޭންސްގެ ގޮތުގައި 4.57 މިލިއަން ޑޮލަރާއި 125.29 މިލިއަން ރުފިޔާ ބޭންކުން ދޫކޮށްފައިވާކަމަށް ޓީމް ވިދާޅުވިއެވެ. މީގެއިތުރުން، ވިޔަފާރިތަކަށް ވޯރކިން ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ކޯވިޑްއާ ގުޅިގެން ސަރުކާރުން ފަށާފައިވާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން ރިސޯޓް އަދި ގެސްޓްހައުސްތަކަށްވެސް ބީއެމްއެލްއިން ވަނީ ލޯނު ދޫކޮށްފައެވެ. މި ސްކީމްގެ ދަށުން މިދިޔަ މަހުގެ ނިޔަލަށް 769 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. ޓިމް ސޯޔަރ ވިދާޅުވީ، މިހުރިހާ ލޯނުތަކަކާއިއެކު ކޯވިޑްގެ މުއްދަތުގައި ބީއެމްއެލް އިން 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށެވެ.
ކޯވިޑް19ގެ ހާލަތުން އަރައިގަނެވޭނީ ކޮންއިރަކުކަން ނޭންގޭއިރު ބޭންކުން ދާނީ ކަސްޓަމަރުންނަށް އެހީތެރިވެވޭނެ ގޮތްތަކާއި ހިދުމަތް މެދުނުކެނޑި ކުރިއަށްގެންދެވޭނެ ގޮތްތައް ބަލަމުންކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި ކޮންމެ ހާލަތެއްގައިވެސް ބޭންކް އޮފް މޯލްޑިވްސް ދެމި އޮންނާނީ ދިވެހި ރައްޔިތުންނަށް އެހީތެރިވުމަށްކަމުގެ ޔަޤީންކަން ބޭންކުން ވަނީ އަރުވާފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނާއި ފައިނޭންސިންގއަށް ފައިސާދެއްކުންވެސް ދެވަނަ ފަހަރަށް ފަސްކުރުމަށް ބީއެމްއެލްއިން މިހާރު ވަނީ ހުޅުވާލާފައެވެ. ބީޢެމްއެލްއިން ބުނީ މި ފުރުސަތު ލިބިގެންދާނީ މިހާރުވެސް ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންނަށްކަމަށެވެ. ޢަދި ކޯވިޑް19އާއެކު ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިކަން ހައްލުކުރުމަށް ބީއެމްއެލްއިން ދަނީ އެންމެ މުހިއްމު ކަންކަމަށް އިސްކަންދީގެން ޑޮލަރު ދޫކުރަމުންނެވެ.