ކުޅިވަރު

ރޭވިފައިވާ ގޮތައް އަންނަ އަހަރު އޮލިމްޕިކްސް އޮންނާނެ: ޖަޕާނުގެ އޮލިމްޕިކް މިނިސްޓަރ


މިހާރު ރޭވިފައިވާގޮތަށް އަންނަ އަހަރު އޮލިމްޕިކް ގޭމްސް އޮންނާނެ ކަމަށް ޖަޕާނުގެ އޮލިމްޕިކް މިނިސްޓަރ ސެއިކޯ ހަޝިމޯޓޯ ވިދާޅުވެއްޖެއެވެ.

ޓޯކިޔޯ ގޭމްސްއާ ގުޅޭގޮތުން ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޝިމޯޓޯ ވިދާޅުވީ ގޭމްސްގެ ސަބަބުން އެތްލީޓުން ފައިދާތަކެއް ކުރާނެކަމަށާއި ގޭމްސް ކުރިޔަށްދާނީ ބައިވެރިވާ ހުރިހާ ފަރާތްތަކަވެސް ރައްކާތިކަމާއެކުގައި ކަމަށެވެ. މިހާރު އަނެއްކާވެސް އެންމެން އެކީ އަންނަ އަހަރުގެ ގޭމްސް ބޭއްވުމުގައި އެންމެހާ ކަންތައްތައް ކުރުމަށް ތައްޔާރުވުންތައް ފެށިއްޖެ ކަމަށާއި ރޭވިފައިވާގޮތަށް އަންނަ އަހަރު ކާމިޔާބު ގޭމްސްއެއް ބޭއްވޭނެކަމުގެ އުއްމީދު ބޮޑުކަމަށް ހަޝިމޯޓޯ ވިދާޅުވިއެވެ.

މީގެ ކުރިން ދުނިޔޭގެ އޮލިމްޕިކް ކޮމެޓީން ވަނީ ކޯވިޑް-19 ގެ ސަބަބުން އޮލިމްޕިކް ގޭމްސްގައި ގައުމުތަކުން ބައިވެރިވާ އެތްލީޓުން މަދުވާނެކަމަށް ލަފާކޮށްފައެވެ.

ޓޯކިޔޯ ގޭމްސްގެ ސިއީއޯ ޓޮޝިހީރޯ މޫޓޯ ހުސްވި ޖުލައި މަހުގައި ވިދާޅުވެފައިވަނީ ވައިރަސް މުޅިން ފިލައިނުދިޔަސް މިހާރު ރޭވިފައިވާ އިންތިޒާމުތަކާއި އެއްގޮތަށް ގޭމްސް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ކޯވިޑް-19 ގެ ސަބަބުން ޓޯކިޔޯ އޮލިމްޕިކް ގޭމްސް ފަސްކުރީ ހުސްވި މާޗު މަހުއެވެ. މިހާރު ޓޯކިޔޯ ގޭމްސް ބާއްވާން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.