މާލޭގެ ހުޅަނގު
ފަރާތުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އާޓިފިޝަލް ބީޗް މަޝްރޫޢުގައި ހިމެނޭ
މަގުހެދުމުގެ ބައެއް މަސައްކަތްތައްކުރުމަށް، 1.9 މިލިއަން ރުފިޔާގެ
އެއްބަސްވުމެއްގައި ހައުސިން މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި
ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އަދި ރޯޑް
ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމްއެވެ.
ހައުސިންގ މިނިސްޓަރ
ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މިމަޝްރޫޢޫގެ ދަށުން ހުޅަނގު ފަރާތުގެ އާޓިފިޝަލް
ބީޗް ސަރަޙައްދުގެ މަގުގެ ޕޭވްމަންޓާއި، ޑްރެއިނޭޖް ސިސްޓަމް ޤާއިމުކޮށް، ވެސްޕާކުން ފެށިގެން އައިޖީއެމްއެޗާއި ހަމައަށް ގަސް އިންދާ ތަންތަން ހެދުމަށް
ހަމަޖެހިފައިވާކަމަށެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ހުޅަނގު ފަރާތުގައި ހެދުމަށް
ހަމަޖެހިފައިވާ އާޓިފިޝަލް ބީޗްގެ މަސައްކަތްތައް ފެށިގެން ވަރަށް ބާރަށް
ކުރިއަށްދާކަންވެސް ފާހަގަކުރައްވާފައެވެ.
ރޯޑް
ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ މިމަޝްރޫޢޫގެ
މުއްދަތުކަމަށްވާ ދެމަސްދުވަހުގެތެރޭގައި ސަރުކާރުން އަމާޒުކޮށްފައިވާގޮތަށް
މަސައްކަތް ނިންމުމަށް އަމާޒުކޮށްފައިވާކަމަށެވެ. އަދި މިމަޝްރޫޢުގެ އަމަލީ މަސައްކަތް
އަންނަ އާދީއްތަ ދުވަހު ފަށާނެކަމަށްވެސް ނަޒީމް ވިދާޅުވިއެވެ.
މޫދަށް
އެރެވޭގޮތަށް މާލޭގެ ހުޅަނގު ފަރާތް ތަރައްޤީކުރުމަށް 41.5 މިލިއަން ރުފިޔާއަށް
ސަރުކާރުން ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ.
މިއަހަރު ނިމުމުގެ ކުރިން
އާޓިފިޝަލް ބީޗްގެ ހުރިހާ މަސައްކަތެއް ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް
ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.