ހޯނޑެއްދޫއިން ކޯވިޑް-19އަށް ޕޮޒިޓިިވްވި މީހުންނާއި ގުޅުންހުރި އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓީވްވެއްޖެއެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން ވިދާޅުވީ އެރަށުންގައި މިވަގުތު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ 36 މީހުން އެބަތިބި ކަމަށެވެ.
މީގެތެރެއިން 32މީހުންނަކީ އެރަށުން 4 ސެޕްޓެމްޕަރުގައި ރަށުތެރެއިން ފެނުނު ޕޮޒިޓިވް 2 ކޭސްއާއި ގުޅުންހުރި ކޭސްތަކެވެ. އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން ޕޮސިޓިވްވެފައިވާކަން އެނގުނު މި ދެމީހުންނާ ސީދާ ދިމާވެފައިވާ 36 މީހުން ފާހަކަކުރެވިފައިވާކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާތުމަތު ނަޒްލާ ރަފީޤުވަނީ ވިދާޅުވެފައެވެ. އަދި މި 36 މީހުންނާއި ސީދާ ދިމާވެފައިވާ 111 މީހުން ތިބި ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި މީގެ ތެރެއިން 63 މީހުންގެ ގައިން އަލާމާތްތައް ފެނިވާކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
"ހޯނޑެއްދޫއިން މިއަދު ވަނީ އިތުރު އެކަކު ބައްޔަށް ޕޮޒިޓިވްވެފަ. މިހާރު އެރަށުގައި ޖުމްލަ 36 ޕޮޒިޓިވް މީހުން އެބަތިބި." ޑރ.ނަޒްލާ ވިދާޅުވިއެވެ.
މި ހަފްތާގެތެރޭގައި ގދ.ހޯނޑެއްދުއާއި، އެރަށާއި ކޯޒްވޭއަކުން ގުޅިފައިވާ މަޑަވެލިން 170އަށްވުރެ ގިނަ ސާމްޕަލްވަނީ ޓެސްޓު ހެދުމަށް މާލެ ގެނެސްފައެވެ. ޑރ.ނަޒްލާ ވިދާޅުވީ މިހާރުވެސް ކޮންޓެކްޓުން ދެނެގަތުމާއި، ރެންޑަމް ސާމްޕަލްވެސް ހަދަމުންދާކަމަށެވެ. ހޯނޑެއްދުއަކީ މާލެ ފިޔަވައި އެއް ރަށަކުން އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ ރަށެވެ. އެރަށުގައި ބަލި ފެތުރެން ދިމާވި ގޮތް ދެނެގަތުމަށް ހެލްތް މިނިސްޓްރީއިންދަނީ މަސައްކަތްކުރަމުންނެވެ. މިހާތަނަށް އެރަށުގައި މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރޭކަމަށް ނިންމާފައެއް ނުވެއެވެ.
"ކޮމިއުނީ ސްޕްރެޑަކަށް ކަނޑައަޅަނީ ގުޅުން ނެތް ގިނަ ކޭސްތައް ފެނުމުން. ހޯޑެއްދޫއިން ޕޮސިޓިވްވި 2މީހުންނާ ލިންކް އެބަވޭ ފަހުން ފެނުނު ހުރިހާ ކޭސްތައްވެސް." ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެރަށުގައި ކަރަންޓީނާއި ޚިލާފަށް، ބަޔަކު ޢަމަލުކޮށްފައިވާކަމުގެ މަޢުލޫމާތެއް ލިބިފައި ނުވާކަމަށެވެ. ނަމަވެސް މިކަން އިތުރަށް ބެލުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.