ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނާއި ފައިނޭންސިންގއަށް ފައިސާދެއްކުން ދެވަނަ ފަހަރަށް ފަސްކުރުމަށް ބީއެމްއެލްއިން ހުޅުވާލައިފިއެވެ.
ބީޢެމްއެލްއިން ބުނީ މި ފުރުސަތު ލިބިގެންދާނީ މިހާރުވެސް ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންނަށްކަމަށެވެ. އަދި މި ފުރުސަތުގެ ހުޅުވާލާފައިވަނީ ސެޕްޓެމްބަރުމަހު ފައިސާ ދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށްކަމަށާއި ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓްގައިވާ މޮރަޓޯރިއަމް ޕޯޓަލް މެދުވެރިކޮށް ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ދެވަނަފަހަރަށް އެދި މިހާރު ހުށަހަޅެނޭކަމަށް ބީއެމްއެލްއިން ބުނެއެވެ.
މި ޕޯޓަލްގައި ލޯނުތަކާއި، ފައިނޭންސިންގ އާއިބެހޭ ތަފްސީލް ފެންނަން ހުންނާނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އޭގެތެރޭގައި ދެވަނަފަހަރަށް ފައިސާ ދެއްކުން ފަސްކޮށްދެވޭނެ ލޯނުގެ ތަފްސީލާއި ލޯނަށް ފައިސާ ދައްކަންޖެހޭ އަދަދުތައް ވަނީ ހިމަނާފައެވެ.
ލޯނު އަނބުރާދެއްކުން ދެވަނަ ފަހަރަށް ފަސްކުރުމަށް އެދި ހުށަހަޅާ ހުށަހެޅުން އެޕްރޫވްވުމާއެކު ޑިސެމްބަރުމަހާ ހަމައަށް ބޭންކަށް އެއްވެސް ފައިސާ އެއް ދައްކާކަށް ނުޖެހޭނެއެވެ. އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު ފައިސާ ދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށް އެ ފުރުސަތު 8 އޮކްޓޯބަރު އަދި 8 ނޮވެމްބަރުގައި ހުޅުވާލެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުގެ އިސްލާމިކް މެދުވެރިކޮށް ނަގާފައިވާ ފައިނޭންސަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ދެވަނަފަހަރަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުބެހޭ މައުލޫމާތު ބޭންކުން ހާމަކުރާނެކަމަށެވެ. ލޯނަށް އަނބުރާދައްކަން ޖެހޭ ފައިސާ ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ލޯނަށް ފައިސާ ދެއްކޭނެ ކަސްޓަމަރުން ދެވަނަ ފަހަރަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ކޮންމެހެން ހުށަހަޅަން ނުޖެހޭނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއިން ނަގާފައިވާ ލޯނުތަކަށް ފައިސާދެއްކުން ފަސްކޮށްދެނީ ކޯވިޑް19 އާއި ގުޅިގެން އިޤްތިޞާދަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.