ވިޔަފާރި

އެކްސްޕޯޓްކުރުން ހުއްޓާލާފައިވާ 2 ބާވަތެއްގެ ހުއިފިލަނޑާ އެކްސްޕޯޓްކުރުމަށް ޙާއްސަ ސެޓްފިކެޓެއް


އާބާދީ މަދުވަމުންދާތީ، އެކްސްޕޯޓްކުރުމަށް ހުއްދަ ދިނުން ހުއްޓާލާފައިވާ 2 ބާވަތެއްގެ ހުއިފިލަނޑާގެ މިހާރު ހާވެސްޓް ކޮށްފައިވާ ސްޓޮކް އެކްސްޕޯޓްކުރުމަށް ޙާއްސަ ސެޓްފިކެޓެއް ދޫކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން އެކްސްޕޯޓްކުރުމަށް ހުއްދަ ދޫނުކުރުމަށް ނިންމާފައިވަނީ ރާއްޖެއިން އާއްމުކޮށް އެކްސްޕޯޓްކުރާ ހުއިފިލަނޑާގެ ބާވަތެއްކަމަށްވާ "ހުދު ބަޓު" އަދި "ކަޅު ބަޓު" އެވެ. މިގޮތަށް ނިންމާފައިވަނީ ރާއްޖޭގައި ހުއިފިލަނޑާ އާލާވާ މިންވަރަށްވުރެ، ހުއިފިލަނޑާ ނަގާ މިންވަރު އިތުރުވެފައިވާތީ އެތަކެތީގެ އާބާދީއަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުވެފައިވާތީއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، 28 އޮގަސްޓް 2020ގެ ކުރިން ނަގާފައިވާ މިދެބާވަތުގެ ހުއިފިލަނޑާގެ ސްޓޮކް އެކްސްޕޯޓް ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ "ޕްރީ-ކޮންވެންޝަން ސެޓްފިކެޓެއް" ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ސެޓްފިކެޓް ދޫކުރާނީ އެކްސްޕޯޓު ކުރަން ބޭނުންވާ ފަރާތްތަކުގެ ސްޓޮކްގައި ހުރި އަދަދާއި ބަރުދަން އެނގޭގޮތަށް، މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ސްޓޮކް ރަޖިސްޓްރީ ކުރާފަރާތްތަކަށްކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ނުކުރާ މި ދެބާވަތުގެ ހުއިފިލަނޑާއަށް "ޕްރީ-ކޮންވެންޝަން ސެޓްފިކެޓް" ދޫނުކުރާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ރަޖިސްޓްރީކޮށްފައިވާ ސްޓޮކް އެކްސްޕޯޓު ކުރުމަށް ބޭނުންވާ "ޕްރީ-ކޮންވެންޝަން ސެޓްފިކެޓް"އަށް އެދި 31 ޑިސެމްބަރުގެ ކުރިން މިނިސްޓްރީއަށް ހުށައަޅަންޖެހޭނެއެވެ. އަދި ރަޖިސްޓްރީ ކުރާތާ ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި އެ ސްޓޮކް އެކްސްޕޯޓްކުރަންވާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިދެބާވަތުގެ ހުއިފިލަނޑާ އެކްސްޕޯޓުކުރުމަށް ބޭނުންވާ ފަރާތްތަކުން، މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ފޯމު ފުރިހަމަކުރުމަށްފަހު މިނިސްޓްރީއަށް އީމެއިލް ކުރަންޖެހޭނެއެވެ. "ޕްރީ-ކޮންވެންޝަން ސެޓްފިކެޓް" ހޯދުމަށް ރަޖިސްޓްރީކުރާ ހުއިފިލަނޑާގެ 2 ބާވަތުގެ ސްޓޮކް، މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި އިންސްޕެކްޓް ކުރެވޭނެ އިންތިޒާމް ރަޖިސްޓްރީކުރާ ފަރާތުން ހަމަޖައްސަވަންވާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާޙަދާއެއްކަމަށްވާ، ސައިޓީސް މުއާޙަދާއިން ވަނީ މި ބާވަތްތަކުގެ ހުއިފިލަނޑާގެ އާބާދީ ރާއްޖޭގައި މަދުވަމުން އަންނަކަން ފާހަގަކޮށް، ވަކި އުސޫލަކުން އެތަކެތީގެ ވިޔަފާރިކުރެވޭގޮތް ހަމަޖެއްސުމަށް އަންގާފައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރީޓީއާއި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ހެދި ރިޕޯރޓްއަށް ބިނާކޮށް، އެ ދެބާވަތަށް ސައިޓީސް އެކްސްޕޯޓް ޕާމިޓު ދޫނުކުރުމަށް ވަނީ ނިންމާފައެވެ.