ޚަބަރު

ހޯނޑެއްދޫއިން ޕޮޒިޓިވްވި އެންމެންގެ ޙާލު ރަނގަޅު، އިތުރު މީހަކު އަދި ޕޮޒިޓިވް ނުވޭ


ގދ.ހޯނޑެއްދޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވި އެންމެންގެ ޙާލުވެސް ރަނގަޅުކަމަށާއި، އިތުރު ބަޔަކަށް ބަލި ޖެހިފައި ނުވާކަމަށް އެރަށު ސިއްޙީ މަރުކަޒުން ބުނެފިއެވެ.

ހޯނޑެއްދޫއިން ވިއްސައްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ވަނީ ޖެހިފައެވެ. މިއީ އަތޮޅުތަކުގެ ރަށަކުން މިހާ ގިނަ މީހުންނަށް މި ބަލި ޖެހުނު ފުރަތަމަ ރަށެވެ.

އެރަށުގެ ޢާއްމު ޙާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެރަށު ހެލްތް ސެންޓަރުގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ ފަތާތު ހަސަން ވިދާޅުވީ ހޯނޑެއްދުއިން ޕޮޒިޓިވްވި އެންމެންގެ ޙާލުވެސް ރަނގަޅުކަމަށާއި، އެމީހުންގެ ޙާލު ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އެރަށުން ކޯވިޑް-19އަށް ޕޮޒިޓިވްވި އެންމެންވެސް ތިބީ އެރަށުގައި ހޯމް ކަރަންޓީންގައެވެ.

ހޯނޑެއްދޫއިން 2 މީހަކަށް ކޯވިޑް-19 ޖެހުމާއި ގުޅިގެން އެރަށުން ނެގި އިތުރު ސާމްޕަލްތަކަކުން، އިތުރު 19މީހުންނަށް އެ ބަލި ޖެހިފައިވާކަން އެނގުނީ މިމަހުގެ 4ވަނަ ދުވަހުއެވެ. ހޯނޑެއްދޫ ސިއްޙީ މަރުކަޒުން ބުނީ އެރަށުން ޕޮޒިޓިވްވި މީހުންގެތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުންނާއި އުމުރުން ދުވަސްވީ މީހުންވެސް ތިބިކަމަށެވެ. ނަމަވެސް ބައްޔާއި ގުޅިގެން މިވަގުތު ޙާލު ދެރަ އެއްވެސް މީހަކު ނެތްކަމަށާއި ނަމަވެސް އޭގެ ތެރޭގައި ފެސިލިޓީއަކަށް ގެންދަންޖެހޭ މިހުން ތިބިތޯ ބެލުމަށް، ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރާއިއެކު މަޝްވަރާ ކުރަމުންދާކަމަށްވެސް ހޯޑެއްދޫ ސިއްޙީ މަރުކަޒުން ބުނެއެވެ.

ހޯނޑެއްދޫއިން މިމަހުގެ 4 ވަނަ ދުވަހު ޕޮޒިޓިވްވި މީހުންގެ އިތުރުން އެރަށުން އިތުރު މީހަކު ޕޮޒިޓިވް ވެފައި ނުވިނަމަވެސް، އެ ބައްޔަށް ޕޮޒިޓިވްވި މީހުންނާ ސީދާ ދިމާވި މީހުން ހޯދައި ރަށުގައި އިތުރަށް ބަލި ފެތުރުނަ ނުދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އަދިވެސް ދަނީ ކުރަމުންނެވެ.

ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެޑިކަލް ޓީމެއްވެސް ހޯޑެއްދުއަށް ގޮސް މިހާރުދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

"މިހާރު އަޅުގަނޑުމެންގެ އެންމެ ބޮޑު އިލްތިމާސަކީ ރޯގާއާއި ހުމުގެ ކިރިޔާވެސް އަލާމާތެއް ހުރިނަމަ އަވަހަށް އަޅުގަނޑުމެންގެ ހޮޓްލައިނަށް ގުޅައި އެކަން އެންގުން. މިހާރު ހެލްތް ސެންޓަރުވެސްމިވަނީ ފްލޫ ކްލިނިކަމަށް ބަދަލުކުރެވި، ޓްރައޭޖް ޚިދުމަތް ދޭންފަށާފަ. އާއްމު ސިއްޙީ ޚިދުމަތަށް އޮންލައިން ކޮންސަލްޓޭޝަން ދެމުންދަނީ." ހޯނޑެއްދޫ ހެލްތް ސެންޓަރުގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ ފަތާތު ވިދާޅުވިއެވެ.

ފަތާތު ވިދާޅުވީ ރަށް މޮނިޓަރިންގއަށް ލާފައިވާތީ ޒަރޫރީ ކަމެއްގައި ނޫނީ ބޭރަށް ނިކުމެއުޅުން މުޅިން މަނާކޮށްފައިވާކަމަށެވެ. އަދި ކޮވިޑާއި ގުޅިގެން އާއްމުން ހޭލުންތެރިކުރުމަށްވެސް މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްއީއޯސީން ވިދާޅުވީ މިހާތަނަށް ގިނަ ކޭސްތަކެއް އެރަށުން ފެނިފައިވާތީ، މި ކޭސްތަކުގެ ލިންކް ނުވަތަ ސޯސް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި ޕޮޒިޓިވްވި އެންމެންނަކީވެސް އެއް ކްލަސްޓަރއެއްގެ މީހުންނަށްވާތީ، ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް އަދި ނިންމާފައި ނުވާކަމަށެވެ.