ޔުއެފާ ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްއިން ކްރޮއޭޝިއާ ފަސޭހަ ކަމާއެކު ބަލިކޮށްފިއެވެ.
ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ރަނަރަޕްގެ މައްޗަށް ޕޯޗުގަލް ކުރި ހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕޯޗުގަލް އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޔާއޯ ކަންސެލޯ، ޑިއޯގޯ ޔޮޓާ، ޔާއޯ ފެލިކްސްއާ އަންޑްރޭ ސިލްވާއެވެ. އަނިޔާގެ ސަބަބުން ފޯޗުގަލްގެ ކެޕްޓަން ނުލާ ކުޅުނު މެޗުން ހޯދީ މޮޅާއެކު ޕޯޗުގަލް ވަނީ ގުރޫޕް އެއްވަނައަށް ޖެހިލާފައެވެ. ފޯޗުގަލްއިން ވަނީ އެންމެ ފަހުން އެޓީމު ކްރޮއޭޝިއާ ދެކޮޅަށް ކުޅުނު ހަ މެޗުވެސް ކާމިޔާބުކޮށްފައެވެ.
ޔުއެފާ ނޭޝަންސް ލީގުގައި ރޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ކާމިޔާބުކުރީ ސްވިޑަން އާއި ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފްރާންސްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭއެވެ. މިއީ ފްރާންސް ގައުމީ ޓީމަށް އެމްބާޕޭ ކާމިޔާބުކޮށްދިން 14 ވަނަ ލަނޑެއެވެ. މި ލަނޑު ފިޔަވާ އިތުރު ހަމަލާއެއް ސްވިޑަންގެ ގޯލާއި އަމާޒުކޮށް ފްރާންސަށް މެޗުގައި ފޮނުވާލެވިފައެއް ނުވެއެވެ. ރޭގެ މެޗުގައި ފްރާންސަށް ލީޑު ފުޅާކުރަން ރަނުގެ ފުރުޞަތެއް ލިބިވަނީ ބޭކާރުވެފައެވެ. އެގޮތުން މެޗުގެ ދެ ވަނަ ހާފްގައި ގްރީޒްމަން އަތުން ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.
ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އިންގްލެންޑް ވަނީ އައިސްލެންޑް މައްޗަށް ފަހު ވުގުތު ލަނޑެއް ޖަހާ ކުރި ހޯދާފައެވެ. އައިސްލޭންޑްގައި ކުޅުނު މެޗު އިންގްލެންޑް ކާމިޔާބުކުރީ ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުން ރަހީމް ސްޓާލިން ކާމިޔާބުކޮށްދިން ލަނޑާއެކު 1-0 އިންނެވެ. ސްޓާލިން ވަނީ އެންމެ ފަހުން އިންގްލެންޑަށް ކުޅެދިން 12 މެޗުގައި 11 ލަނޑު ޖަހާފައެވެ.
ރޭގެ މެޗުގައި ދެ ޓީމަށްވެސް ވަނީ މެޗުގެ ދެވަނަ ހާފުގައި ދެ ރަތްކާޑު ދައްކާފައެވެ. އިންގްލެންޑްގެ ކައިލް ވޯލްކާއަށް ދެވަނަ ރީނދޫކާޑާ އެކު ރަތްކާޑު ދެއްކިއިރު އޭގެ ނަވާރަ މިނެޓުފަހުން ދެވަނަ ރީނދޫކާޑާއެކު އައިސްލޭންޑްގެ ނެގްސަންނަށް ވެސް ވަނީ ރަތްކާޑު ދައްކާފައެވެ. މިއީ 2012 ވަނަ އަހަރު ސްޓީވަން ޖެރާޑަށް ރަތް ކާޑު ދެއްކި ފަހުން އިނގިރޭސި ކުޅުންތެރިޔަކަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލީ ފުރަތަމަ ފަހަރެއެވެ. ރޭ މި ގުރޫޕްގައި ބެލްޖިއަމް ވަނީ ޑެންމާކްގެ މައްޗަށް 2-0 އިން ކުރި ހޯދާފައެވެ. މިއީ 49 އަހަރު ފަހުން ޑެންމާކާއި ވާދަކޮށް ބެލްޖިއަމަށް ހޯދުނު ފުރަތަމަ މޮޅެއެވެ.