ކޯވިޑް-19

ކޯވިޑް-19 : ޔުނިވާސަލްގެ ފަރާތުން 10000 ޓެސްޓް ކިޓް ސަރުކާރަށް ހަދިޔާކޮށްފި


ޔުނިވާސަލް އެންޓަޕްރައިސަސްގެ ފަރާތުން ކޯވިޑް-19ގެ 10000 ޓެސްޓް ކިޓް ސަރުކާރަށް ހަދިޔާކޮށްފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި ތަކެއްޗާއި ޙަވާލުވެވަޑައިގަތީ ހެލްތު މިނިސްޓްރީ ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ. މިއީ، ކޯވިޑް-19 އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ލެބޯޓްރީ ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެގޮތުން ހަދިޔާކުރި ޓެސްޓްކިޓްތަކެއްކަމަށް ޔުނިވަރސަލްއިން ބުނެއެވެ.

ޔުނިވަރސަލްއިން މީގެކުރިންވެސް ވަނީ 20،200 ޓެސްޓް ކިޓް ސަރުކާރަށް ހަދިޔާކޮށްފައެވެ. މިއާއެކު މިހާތަނަށް 30،000 އަށްވުރެ ގިނަ ޓެސްޓްކިޓް އެކުންފުނިން މިވަނީ ސަރުކާރަށް ހަދިޔާކޮށްފައެވެ.

މިއަދުގެ ވަގުތެއްގައި އިތުރު 60،000 ޕީ.ސީ.އާރް ޓެސްޓް ކިޓް ރާއްޖެއަށް ލިބޭނެކަމަށް އެޗް.އީ.އޯ.ސީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ޗައިނާއިން އަންނަ 40،000 ޓެސްޓް ކިޓާއި، އެމެރިކާއިން ރާއްޖެއަށް އަންނަ 20،000 ޓެސްޓް ކިޓް ހިމެނޭކަމަށް އެ ސެންޓަރުން ވަނީ މަޢުލޫމާތުދީފައެވެ.

ދިވެހިރާއްޖެއިން ކޯވިޑް-19 އާ ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ އެކި ޤައުމުތަކާއި ޖަމްޢިއްޔާތަކުންނާއި އަމިއްލަ ކުންފުނިތަކުން ދަނީ ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. މިގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ދިވެހިރާއްޖޭގެ އެކިސަރަޙައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމުގައިވެސް އެކި ފަރާތްތަކުން އަންނަނީ މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.