ރޭގަނޑު ބައެއް ވަގުތުތަކުގައި އެމްޕީއެލްއިން ދޭ ޙިދުމަތްތަކުން ނަގާ ސާޗާޖު އުވާލުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ބުނީ އެ ކުންފުނިން ރޭގަނޑު 10:30 އިން ހެނދުނު 7:30އާ ދެމެދު ދޭ ޚިދުމަތްތަކުން ނަގާ 30 އިންސައްތައިގެ ސާޗާޖު އުވާލުމަށް ނިންމާފައިވާކަމަށެވެ. ޓެރިފަށް ގެނެވޭ މި ބަދަލަށް އަމަލުކުރަން ފަށާނީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެންކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.
މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އެމްޕީއެލްގެ ބަނދަރުތަކުން ނަގާ ހޭންޑްލިން އަދި ވޯ ފޭޖް ޗާޖުތަކަށް ވެސް ބަދަލު ގެންނަން ނިންމާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން އެ ކުންފުނިން ނަގާ ހޭންޑްލިން އަދި ވޯފޭޖުން ނަގާ ޗާޖުތައް ވަނީ ހަތް ޕަސެންޓު އިތުރު ކޮށްފައެވެ.
ރޭގަނޑު ނަގާ 30 ޕަސެންޓުގެ ސާޗާޖު އުވާލުމަށް އެމްޕީއެލްއިން ނިންމާފައިވަނީ ރާއްޖެއަށް ގެންނަ މުދާ ކްލިއާ ކުރަން ޑެލިވަރި އޯޑާއަށް އޭޖެންޓުން ތަފާތު ނަން ނަމުގައި ފީތައް ނަގަމުން އަންނާތީއެވެ. މިކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން އަންނަނީ ފާޅުކުރަމުންނެވެ. އަދި މީގެ ސަބަބުން ތަކެތީގެ އަގުތައްވެސް ބޮޑުވަމުން އަންނަކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.