ޚަބަރު

ފުލުހުން ތަމްރީނުކުރުމަށް ރާއްޖޭގައި އެކަށީގެންވާ ވަސީލަތްތަކެއް މިހާތަނަށް ޤާއިމްވެފައިނެތް: ސީޕީ ޙަމީދު


ރާއްޖޭގައި ޕްރޮފެޝަނަލް ފުލުހުން ބިނާކުރާނެ އެކަށީގެންވާ ތަމްރީން ދޭނެ ވަސީލަތް މިހާތަނަށް ޤާއިމްކުރެވިފައި ނެތްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ބައެއްގެ ގޮތުގައި ހަމަޖެހުނުތާ 16 އަހަރު ފުރުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ފާއިތުވި 16 އަހަރު ދުވަހުގެ ތެރޭގައި އެކަށީގެންވާ ފުލުހުން ބިނާކޮށް، ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށް ބޭނުންވާ ތަމްރީން ފޮރުކޮށްދޭނެ ވަސީލަތްތަކެއް ޤާއިމްކުރެވިފައިނުވާކަމަށެވެ. ނަމަވެސް މިހާރު ދިވެހި ފުލުހުންގެ މުއައްސަސާގެ މިސްރާބުހުރީ އެފަދަ ވަސީލަތްތައް ރާއްޖޭގައި ޤާއިމްކުރުމަށްކަމަށް ފާހަގަކުރައްވައި ކޮމިޝަނަރ ޙަމީދު ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫސިޓީގައި ޤާއިމްކުރާ ފުލުހުންނަށް ތަމްރީން ފޯރުކޮށްދޭ މަރުކަޒުގެ ސަބަބުން ފުލުހުންގެ މުޅި މުއައްސަސާއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އެތަމްރީން މަރުކަޒުގެ ސަބަބުން އެންމެ ޒަމާނީ ތަމްރީނުތައް ލިބިފައިވާ އަދި ޤާބިލް ފުލުހުން ބިނާކުރެވޭނެކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.


"އިރާދަކުރެއްވއިްޔާ ސަރުކާރުން އަޅުގަނޑުމެންނަށް ފެހި ސިގްނަލެއްދެއްވާފައޮތީ އެތަނަށް ކިޔާނެ ނަމެއްވެސް. ނެޝަނަލް ކޮލެޖު ފޯރ ޕޮލީސިން އެންޑް ލޯ އެންފޮސްމަންޓް ސްޓަޑީޒްގެ އެކަންކަން ފުރުަހަމވެގެން އައީމަ އަޅުގަނޑުމެން މިއެންމެ އެދޭ ވައްތަރުގެ ފުލުހުން އެންމެ ޒަމާނީ ތަމްރީންތައ ްލިބިފައިވާ ރަނގަޅަށް އުނގެނިފައިވާ ފުލުހުން މިހާރުވެސް ތިބި ފުލުހުންނާއެކީގަ އަދި އިތުރަށް މި ޕްރޮފެޝަންއަށް ވަންނަ ފުލުހުންނާއެކީގަ މަސައކްަތްކުރެވިގެންގޮސް މިކަންކަން ހާސިލުވެގެންދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަނީ." ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޙަމީދު ވިދާޅުވިއެވެ.


ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީީ، އައްޑޫސިޓީގައި ތަރައްޤީކުރާ ފުލުހުންގެ ތަމްރީން މަރުކަޒު އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށާއި، އެއީ ދިވެހި ފުލުހުންނާއި ދިވެހި ރައްޔިތުން ފަޚުރިވެރިވާފަދަ ބިނާއަކަށް ވެގެންދާނެކަމަށެވެ. އަދި ދިވެހި ފުލުުންގެ ޕްރޮފެޝަން އިތުރަށް ފުރިހަމަވެގެންދާނެފަދަ ބިނާއަކަށް އެތަންވެގެންދާނެކަމަށާއި، އެކި ދާއިރާތަކުންކުރިއަށްދާނެ ބޭނުންވާ ފުލުހުންނަށްވެސް އެފުރުޞަތު ލިބިގެންދާނެކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.


"16 އަހަރު ވެގެންދިޔައިރު ދިވެހި ފުލުހުންނަކަށެއް ހަޤީގަތުގައެއްނެތް އެކަށީގެންވާ ފުލުހުން ބިނާކޮށް ނުވަތަ އަޅުގަނޑުމެން މިއެދޭފަދަ ޕްރޮފެޝަނަލް ފުލުސްމީހާ ބިނާކޮށް ނުވަތަ އެއްޓްރެއިނިންއަށްފަހުގަ ދެންހުންނަ އެކިއެކި ޖޮބްރޯލްތަކާ ޓްރެއިނިންތައް ދިނުމަށްޓަކައި އެކަށީގެންވާ ވަސީލަތްތަކެއްވެސް ފޯރުކޮށްދެވިފައެއް. ނަމަވެސް މިއަދު އަޅުގަނޑުމެންގެ މިސްރާބު މިހުރީ އެދިމާލަށް. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ތެރޭގައި މިއަންނަ އަހަރު ކުރީކޮޅު، އައްޑޫސިޓިގައި ހެދެމުންދާ ބިނާކުރެވެމުންދާ އިންޑިއާ ސަރުކާރުގެ އެހީގަ ގާތްގަނޑަކަށް 40 މިލިއަން ޑޮލަރ ހަރަދުކުރެވިގެން ހިލޭއެހީގެދަށުން ހެދެމުންދާ ޓްރެއިނިން ފެސިލިޓީ އެއީ ދިވެހި ފުލުހުންގެ ފަޚްރަކަށްވާނީ. އެއީ ދިވެހި ފުލުހުންގެ ޕްރޮފެޝަން ނުވަތަ ދިވެހި ފުލުހުން ދިވެހިރާއްޖޭގައި ދިވެހި ފުލުހުންގެ ޕްރޮފެޝަން އިތުރަށް ފުރިހަމަވެފައްކާވެ ދިވެހިރައްޔިތުންނާ އަޅުގަނޑުމެން އެންމެން ފަޚްރުވެރިވާފަދަ ބިނާއަކަށް އެތަން ވެގެންގޮސް އެބިނާގެ ހިޔާދަށުގަ ފުލުހުން ތަމްރީންވެ އެފުލުހުން ރައްޔިތުންގެ ތެރެއަށް ނިކުމެ މަސައްކަތްކުރަންފެށީމައާއެކީގަވެސް އިތުރު ބަދަލުތަކެއް ފެނިގެންދާނެ." ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

ދިވެހި ފުލުހުން މިހާތަނަށް ތަމްރީނުތައް ފުރިހަމަ ކުރަމުން އައީ އެންމެ ފުރިހަމަ ވަސީލަތްތަކާއި އެކު ނޫން ކަމަށާއި، ނަމަވެސް ފުލުހުންނަށް ތަމްރީނުދޭ މިމަރުޒަގެ މަސައްކަތް ނިމުމުން ފުލުހުންގެ ބޮޑެތި މައިގަނޑު ޓްރެއިނިން ތަކާއި، އެކު އެހެން ގައުމު ތަކުގެ ފުލުހުންނާއި ގުޅިގެން ހިންގޭ ތަމްރީނުތައް ވެސް އެތަނުން ދެވޭނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އައްޑޫސިޓީގައި ޢިމާރާތް ކުރަމުންދާ ފުލުހުންގެ ތަމްރީން މަރުކަޒުގެ މަސައްކަތް ފަށާފައި ވަނީ މީގެ 8 އަހަރު ކުރިންނެވެ. މިއަހަރުގެ މިނިވަންދުވަހު ހުޅުވުމަށް ކުރިން ކަނޑައެޅިނަމަވެސް ކޯވިޑް-19އާއި ގުޅިގެން އެމަސައްކަތް ވަނީ ނިންމާނުލެވި ދިގުލާފައެވެ. ނަމަވެސް އަންނަ އަހަރުގެ ކުރީކޮޅު އެމަޝްރޫޢު ނިންމާ ޚިދުމަތް ފެށޭނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުންނަށް ތަމްރީންދޭ ޚާއްޞާ މަރުކަޒު ޢިމާރާތް ކުރަނީ އެކޮމަޑޭޝަން ބްލޮކަކާއެކު އެންމެ ޒަމާނިފެންވަރުގެ ތަަމްރީނުތައް ހިންގޭ ފެންވަރަށެވެ. އެތަން ޢިމާރާތް ކުރަނީ ސ ހިތަދޫ ސަރަޙައްދީ ބަނދަރު އޮންނަ ސަރަޙައްދުގައެވެ.